ޣައްޒާގައި %97 ފެން ތަގައްޔަރުވެ، ކެއުމަށާއި، ބުއިމަށް އަދި ސާފުތާހިރުވުމަށް ވެސް ބޭނުން ކުރެވޭ ވަރަށްވުރެ ފެނުގެ ކޮލިޓީ ދަށްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މީގެ ސަބަބުން ފެނުގެ އަގު އުފުލި، ފެން ލީޓަރެއްގެ އަގު 7 ޑޮލަރަށް އަރާފައިވެއެވެ.

ޣައްޒާގައި ދިރިއުޅެމުންދާ ގިނަ ބަޔަކަށް މިވަނީ ފެން ގަންނަން މަޖުބޫރުވެފައެވެ. ޣައްޒާގެ ގިނަ ސަރަހައްދުތަކަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާތާ ދުވަަސްތަކެއް ވެފައިވާއިރު، ފެނުގެ ހިދުމަތް ދެމުންގެންދިޔަ އިސްކުރުތަކުން ވެސް ގިނަ ފަހަރަށް ފެނެއް ނުލިބެއެވެ. އިސްކުރުތަކުން ފެން ލިބޭއިރު، ލިބޭފަހަރެއްގައި ވެސް ލޮނުކަމުން ބޯން ނުކެރޭ ކަމަށް އެ ސަރަހައްދުގެ މީހުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ތަގައްޔަރު ވެފައިވާ ފެނުގެ ސަބަބުން ކުޑަކުދިން ހިމެނޭހެން އެކި އުމުރުފުރައިގެ މީހުންނަށް ބަލިޖެހޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އަލްޝާޓީ ރެފިއުޖީ ކޭމްޕުން އަލްޖަޒީރާ ނޫހަށް މައުލޫމާތުދިން މީހަކު ބުނެފައިވަނީ އެސަރަހައްދުން ލިބޭ ފެން ހީވަނީ ލޮނުފެން ހެން ކަމަށެވެ. ލޮނުކަމުން ބޯން ނުކެރޭ ކަމަށާއި، ކެއްކުމާއި އެހެން ކަންކަމުގައި ވެސް ފެން ބޭނުންކުރެވޭ ވަރު ނުވާކަމަށް އޭނާ ބުނެފައިވެއެވެ.

އެ ރެފިއުޖީ ކޭމްޕުގެ މީހުންނަށް މުނިސިޕަލް ފެން ލިބެނީ ހަފްތާއަކު ތިން ދުވަހުއެވެ. ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، ފެނުގެ އަގު އުފުލިފައިވާއިރު، ދަނޑުވެރިންގެ ދަނޑުތައް ވެސް ވަނީ ހަލާކުވާން ފަށާފައެވެ. މީޑިއާއަށް މައުލޫމާތުދިން ދަނޑުވެރިންތަކެއް ބުނެފައިވަނީ ދަނޑުތަކުގައި އިންދާފައިވާ ގަސްތަކަށް ފެން ނުލިބުމާއި، ފެން ލޮނުކަމުގެ ސަބަބުން މަރުވެ ގޮސްފައިވާ ކަމަށެވެ.

އިންސާނީ ހައްގުތައް ހޯދަން ވަކާލާތުކުރާ ފަރާތްތަކުން ވަނީ މީގެ އަހަރުތަކެއް ކުރިން ޣައްޒާގައި ފެނުގެ ކާރިސާއަކާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަޒީން

    ރިޒްގު ދެއްވަނީ ﷲ، އެހެންވީމަ ތިކަން ވީހާވެސް އަވަހަކަށް ހައްލުވާނެ. މުސްލިމަކު މިހާތަނަކަށް ބަޑުހާ ހޫނުކަމުގައި މަރުވެފަކާ ނެއް.