ކޮވިޑް-19 ފުރަތަމަ އިންސާނުންނަށް ޖެހުނީ ކޮންއިރަކު ކިހިނެއްކަން ދެނެގަންނަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޗައިނާ އިން ދެލައްކަ މީހެއްގެ ލޭގެ ސުންކު (ސާމްޕަލް) ޓެސްޓް ކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޗައިނާ އާއި ހަވާލާދީ "ސީއެންއެން" އިން ބުނާ ގޮތުގައި ޓެސްޓް ކުރުމަށް ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރުގެ ކުރިން ބްލަޑް ބޭންކްތަކުގައި ހުރި ލޭގެ ސުންކުތަކެވެ. އެއީ އެކި މީހުންނަށް ލޭ ހަދިޔާ ކުރުމުގެ ގޮތުން ބްލަޑް ބޭންކްތަކަށް ގޮސް ލޭ ދިން މީހުންގެ ލޭ ކަމަށް ވެސް ޗައިނާ އިން ބުނެއެވެ. ޓެސްޓް ކުރަން ހަމަޖެހިފައިވާ ދެލައްކަ ސުންކު ވެސް ހުރީ ކޮވިޑް ފުރަތަމަ ފެނުނު ވޫހާންގެ ބްލަޑް ސެންޓަރުގައެވެ.

ޗައިނާ ސަރުކާރުން ބުނާ ގޮތުގައި ބްލަޑް ބޭންކްތަކަށް ލޭ ހަދިޔާ ކުރާ މީހުންގެ ސުންކު ދެއަހަރު ދުވަސް ވަންދެން ރައްކާ ކޮށްފައި ބަހައްޓައެވެ. އެއީ ލޭ ހަދިޔާ ކުރި މީހާ އާއި ގުޅޭ ގާނޫނީ މައްސަލައެއް ފަހުން ކުރިމަތިވެދާނެ ކަމަށް އަޅާފައި އޮންނަ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.

ކޮވިޑްގެ އަސްލު ހޯދުމަށް ސުންކުތައް ޓެސްޓް ކުރަން ފަށަނީ ސުންކު ރައްކާކޮށްފައި ބަހައްޓަން ޖެހޭ ދެއަހަރު ދުވަހުގެ މުހުލަތު ހަމަވުމުންނެވެ.

ޗައިނާގެ ހެލްތު ކައުންސިލްގެ ފޮރިން ރިލޭޝަން އޮފިޝަލެއް ކަމަށްވާ ޔަންޒޮންގް ހުއަންގް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑްގެ އަސްލު ހޯދުމަށް ޓެސްޓް ކުރާ ދެލައްކަ ސުންކުގެ ސަބަބުން ކޮވިޑް ފުރަތަމަ ފެތުރެން ފެށި ދުވަސްވަރެއް ކަށަވަރު ކުރުމަށް ފަސޭހަ ވެގެން ދާނެ ކަމަށް އުއްމީދު ކުރާކަމަށެވެ.

ކޮވިޑާއި ގުޅޭ ގޮތުން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަންނަނީ ޗައިނާ އަށް ގިނަ ތުހުމަތުތަކެއް ކުރަމުންނެވެ. ނަމަވެސް ޗައިނާ އިން ދަނީ އެތުހުމަތުތައް ދޮގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު