އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއިން ސަލާމަތްވުމަށާއި، އަޑި އަޅާލައިފައިވާ ގައުމުގެ އިގްތިސާދު އާރާސްތުކުރުމަށް ޔޫރަޕިއަން ޔޫނިއަންއިން އެހީވާން ނިންމައިފިކަން ހާމަކޮށްފިއެވެ.

އެހީގެ ގޮތުގައި ޔޫރަޕިއަން ޔޫނިއަންއިން ދޭން ނިންމާފައިވަނީ 1.5 ބިލިއަން ޑޮލަރެވެ. މިކަން ހާމަކުރައްވާ ޗެއާ އުރްސަލާ ވެންޑާ ލެޔެން ވިދާޅުވީ، އީޔޫން ދޭން ނިންމި 1.5 ބިލިއަން ޑޮލަރުގެ ތެރޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު 250 މިލިޔަން ޔޫރޯ ކަނޑައަޅާފައިވެއެވެ.

އަފްޣާނިސްތާނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 300 މިލިޔަން ޔޫރޯ ދިނުމަށް މީގެ ކުރިން އީޔޫއިން ވައުދުވެފައިވެއެވެ.

އެމެރިކާއާއި، އީޔޫ، ޗައިނާ، ތުރުކީ، ރަޝިއާ، އިންޑިއާ އަދި ސައުދީ އަރަބިއާ ހިމެނޭހެން އިއްޔެ ވަނީ ޖީ20ގެ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމަށްފަހު ރިޔާސަތު ބެލެހެއްޓި އިޓަލީވިލާތުން ބުނެފައިވަނީ އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާގެ ހާލަތުން އެ ގައުމު ސަލާމަތްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރޭގައި މިހާރު އަފްޣާނިސްތާނުގެ ވެރިކަންކުރަމުންދާ ތާލިބާން ޖަމާއަތާއިއެކު މަސައްކަތް ކުރަންޖެހުނު ނަމަވެސް ފަސްނުޖެހެން އެ ބައްދަލުވުމުގައި ނިންމާފައިވާކަން ހާމަކުރެއްވިއެެވެ.

އީޔޫން ބުނެފައިވަނީ އަފްޣާނިސްތާނަށް ދިނުމަށް ކަނޑައަޅާފައިވާ އެއް ބިލިޔަން ޔޫރޯގެ އެހީ ފޯރުކޮށްދޭނީ އެ ގައުމުގައި ގާއިމުވެގެން ތިބޭ ބައިނަލްއަޤްވާމީ އެހީތެރިކަން ފޯރުކޮށްދޭ ޖަމުއިއްޔާތައް މެދުވެރިކޮށްކަމަށެވެ. މި އެހީ ފޯރުކޮށްދިނުމުގައި އެގައުމުގައި މިހާރު ވެރިކަންކުރާ ތާލިބާން ޖަމާއަތާއި މުއާމަލާތް ނުކުރާނެ ކަމަށް އީޔޫން ބުނެފައިވެއެވެ.

އީޔޫއިން އަފްޣާނިސްތާނަށް އެހީވުމުގެ ގޮތުން 1.5 ބިލިއަން ޑޮލަރު ދޭން ނިންމާފައިވަނީ ބޭރުގައުމުތަކުން އެގައުމަށް ދެމުންދާ އެހީތެރިކަން މެދުކަނޑާލައިފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުސްލިމް ޤައުމްތައް

    އަޅެފަހެ މުސްލިމް ޤައުމްތަކުން ހާލުގައި ނުވަތަ ޒަރޫރީ ބޭނުންތައް ފުއްދުމަށް ކޮންމެހެން ބޭނުންވާ ޤައުމަކަށް ފައިސާ ދެވޭނެ ފުދުންތެރިކަން ނެތީތޯ.... ސުވާލެއް އަބަދުވެސް މުސްލިމް ޤައުމުތަކަށް ފައިސާ މިދެނީ ނާޗަރަންގި ޤައުމުތަކުން (މީޑިއާ ބުނާގޮތުން)

    1
    1