ދެވަނަ ބޮޑު ހަނގުރާމައިގައި މަރުވި އެމެރިކާގެ ޕައިލެޓެއް ކަމަށްވާ ލެފްޓިނަންޓް އާނެސްޓް އެން ވެނައޫ އޭނާ މަރުވިތާ 76 އަހަރު ފަހުން ހަށިގަނޑު އެމެރިކާ އަށް ގެންގޮސް އޭނާ އުފަންވި އަވަށުގައި ވަޅުލައިފިއެވެ.

ލެފްޓިނަންޓް އާނެސްޓް މަރުވީ ސްލޮވޭނިއާގައި ދަތުރު ކުރަމުން ދަނިކޮށް އޭނާ ދުއްވަން އިން ބޮންއަޅާ ބޯޓަށް ބަޑި ޖެހުމުންނެވެ. ވަރުގަދައަށް ބަދަލު ކުރަމުންދިޔަ ހަމަލާތަކުގައި ވަޒަން އެރީ އޭނާގެ ބޮލަށެވެ. ލެފްޓިނަންޓް އާނެސްޓްގެ ހަށިގަނޑު އަނބުރާ ބޭސް އަށް ގެންދަން އޭނާގެ ޓީމުން މަސައްކަތް ކުރިއެވެ. ނަމަވެސް އެންމެ ފަހުން ޖެހުނީ ކްރޮއޭޝިއާގެ އައްސޭރިފަށަށް ލެފްޓިނަންޓް އާނެސްޓްގެ ހަށިގަނޑު ދޫކޮށްލާށެވެ.

އެހައި ހިސާބުން ލެފްޓިނަންޓް އާނެސްޓްގެ ހަށިގަނޑަށް ވީގޮތެއް ނޭނގެއެވެ. ލެފްޓިނަންޓް އާނެސްޓްގެ ހަށިގަނޑު ދެން ފެނުނީ 2005 ވަނަ އަހަރު އެވެ. ނަމަވެސް އޭރު އެއީ ކާކުގެ ހަށިގަނޑު ކަމެއް ނޭނގެއެވެ. އޮފިޝަލުން ވަނީ އޭނާގެ ހަށިގަނޑު ދެނެގަންނަން ވަރަށް ގިނަ ތަހްލީލްތައް ކޮށްފައެވެ. އެންމެ ފަހުން އެއީ ކާކުގެ ހަށިގަނޑުކަން ދެނެގަނެވުނީ މިއަހަރުގެ އޭޕްރީލް މަހު ހެދި ޑެންޓަލް އެނަލިސިސް އަކުންނެވެ.

ލެފްޓިނަންޓް އާނެސްޓްގެގެ ހަށިގަނޑު އެމެރިކާގެ މިލިނޮކެޓްއަށް ގެންގޮސް ވަޅުލީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ލެފްޓިނަންޓް އާނެސްޓްގެ ހަށިގަނޑު ވަޅުލާފައި ވަނީ އޭނާގެ މައިންބަފައިންނާއި ޖެހިގެންނެވެ.

މިހާރު ލެފްޓިނަންޓް އާނެސްޓްގެ ނަން ވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ގެއްލުނު އެމެރިކާ ސިފައިންގެ މީހުންގެ ލިސްޓުން އުނިކޮށް ދެވަނަ ބޮޑު ހަނގުރާމައިގައި މަރުވި މީހުންގެ ލިސްޓްގައި ހިމަނާފައެވެ.

ދެވަނަ ބޮޑުހަނގުރާމައިގައި ދުނިޔެ އިން 75 މިލިއަން މީހުން މަރުވިއެވެ. އޭގެ ތެރެއިން 20 މިލިއަން މީހުންނަކީ އެކި ގައުމުތަކުގެ ސިފައިންނެވެ. ހަނގުރާމައިގައި މަރުވި އެތައް މިލިއަން މީހުންނަކީ ހަނގުރާމައިގެ ސަބަބުން ބަނޑަށް ޖެހިގެންނާއި ތަފާތު ބަލިތަކުގައި މަރުވި މީހުންނެވެ.