ސްޕެއިން އަށް އައި ބިންހެލުމުގެ ސަބަބުން އެގައުމުގެ އަލިފާން ފަރުބަދައެއް ގޮވައި "އަލިފާނުގެ ސުނާމީ" އެއް އަރައިފިއެވެ.

އެގައުމުގެ ރަށެއް ކަމަށްވާ ލަ ޕަލްމާއަށް މީގެ ދެދުވަހެއް ކުރިން 4.5 މެގްނެޓިއުޑް ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން ސައިންސްވެރިން ބުނެފައިވަނީ އެގައުމަށް އަރާފައިވަނީ އަސްލަށް ވެސް ދިޔާ އަލިފާނުގެ ސުނާމީއެއް ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ އަލިފާން އެޓްލާންޓިކް ކަނޑާއި ދިމާލަށް ދާތީ މިހާތަނަށް 300 މީހަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައި ވެއެވެ. އެއާއި އެކީ މިހާތަނަށް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރި މީހުންގެ އަދަދު ވަނީ 1200 އަށް އަރާފައެވެ.

އެގައުމުގެ ސަރުކާރުން ބުނެފައިވަނީ ބައެއް ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދީފައިވާއިރު، 7000 ވުރެ ގިނަ މީހުން ވަނީ އެސަރަހައްދު ދޫކޮށް ފިލާފައިވާ ކަމަށެވެ.

85،000 އަށްވުރެ ގިނަ މީހުން އުޅޭ އެރަށުގައި ހިނގާދިޔަ މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އަދި ފަތުރުވެރިކަމާއި ދަނޑުވެރިކަމަށް ބަރޯސާވެފައިވާ އެރަށަށުގެ އެފަދަ ތަންތަނަށް ވެސް ގެއްލުމެއް ނުވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް ގެއަކަށް ގެއްލުންތަކެއް ނުވި ނަމަވެސް، އެހެން ގައުމުތަކުގައި ހިނގާ މިފަދަ ހާދިސާތަކުގައި ބައެއް ގެތަކަށް ގެއްލުންވާކަން ފާހަގަ ކޮށްލެވެއެވެ.