އަފްޣާނިސްތާނުގެ ކަންދަހާރް ސިޓީގައި ހުރި މިސްކިތަކަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 47 އަށް އަރައި، ޒަހަމްވި މީހުންގެ އަދަދު 70 އަށްވުރެ މައްޗަށް އަރައިފިއެވެ.

ބޭރުގެ މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ އެގައުމުގައި އުޅޭ ޝީއީ މުސްލިމުން ނަމާދު ކުރުމަށް ބޭނުން ކުރާ ބީބީ ފާތިމާ މިސްކިތުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެންނެވެ. މިއީ އެސިޓީގައި ހުންނަ ޝީއާ މިސްލިމުން ނަމާދު ކުރާ އެންމެ ބޮޑު މިސްކިތެވެ.

އިއްޔެ ކަންދަހަރުގެ މިސްކިތަކަށް ދިން މި ހަމަލާގެ ޒިންމާ އައިއެސް އިން ވަނީ އުފުލާފައެވެ. މި ހަމަލާއަކީ ހުކުރު ނަމާދަށް މީހުން މިސްކިތަށް ޖަމާވެފައިވާ ވަގުތަކަށް ބަލައި ދީފައިވާ ހަމަލާއެކެވެ. ސިއްހީ އޮފިޝަލުންނާއި ކަންދަހާރް ޕްރޮވިންސްގެ އޮފިޝަލުން ބުނީ ގޮވުން ހިނގި މިސްކިތަށް 15 އެމްބިއުލާންސް ދާން ޖެހުނު ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން މިސްކިތުގެ ފޭސްބުކް އެކައުންޓުން ވަނީ ލޭ ހަދިޔާ ކުރާނެ މީހުންގެ އެހީ އަށް އެދިފައެވެ.

އޭއެފްޕީ ނޫހަށް މައުލޫމާތު ދެމުން މަންޒަރު ދުށް މީހުން ބުނީ މިސްކިތުގައި ތިން ގޮވުމެއް ހިނގި ކަމަށެވެ. އެއީ މައި ދޮރާށި ކައިރީގައި ގޮވުމަކާއި ދެކުނު ސަރަހައްދުން އަދި ވުޟޫ ކުރަން ޖަމާވާ ސަރަހައްދުގައި ހިނގި ގޮވުންތަކެއްކަން އެ ފަރާތްތަކުން ފާހަގަ ކުރިއެވެ.

މި ހަމަލާއާއި ގުޅިގެން އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓަރީގެ ސްޕޯކްސްޕާސަން ސައިދް ޚޮސްތީ ބުނެފައިވަނީ ތާލިބާނުގެ އަސްކަރިއްޔާގެ މީހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެއީ ކިހިނެތް ހިނގައިދިޔަ ކަމެއްތޯ ބަލައި އެކަމުގައި ޝާމިލުވާ މީހުންނަށް އަދަބު ދޭނެ ކަމަށެވެ.