ރަޝިއާގައި ކޮވިޑް-19 ޖެހޭ މީހުންގެ އިންސައްތަ އިތުރުވެ، އެގައުމުން ރިކޯޑް އަދަދަކަށް މީހުން މި ބަލީގައި މަރުވެއްޖެއެވެ.

ރަޝިއާއަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން ފަސް ވަނަ އަށް އެންމެ ގިނަ މީހަކު މި ބައްޔަށް ފައްސިވެ، ފަސް ވަނަ އަށް އެންމެ ގިނަ މީހުން ބަލީގައި މަރުވެފައިވާ، ބަލީގެ ނުރައްކާ ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ގައުމެކެވެ.

ކޮވިޑްގެ ފަހުގެ ތަފާސް ހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން ނެރެފައިވާ ތަފާސް ހިސާބުތަކައް ބަލާއިރު، އިއްޔެ އެގައުމުން އިތުރު 998 މީހަކު މި ބަލީގައި މަރުވެފައިވާއިރު، މިހާރު އިތުރު 1002 މީހަކު މިވަނީ ބަލީގައި މަރުވެފައެވެ. އެއާއި އެކީ އެގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 222،315 އަށް އަރާފައެވެ.

މިއީ މިހާތަނަށް މި ބަލި އެގައުމުގައި ފެތުރެން ފެށި ފަހުން އެންމެ ގިނަ މީހުން އެއްދުވަސް ތެރޭ މި ބަލީގައި މަރުވި ފަހަރެވެ.

އެގައުމުން ރިކޯޑް އަދަދަކަށް މީހުން މި ބަލީގައި މަރުވެފައިވާއިރު، ބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދު ވެސް ވަނީ ރިކޯޑް އަދަދަކަށް މައްޗަށް ގޮސްފައެވެ. އެގޮތުން އިތުރު 33،208 މީހަކު މި ބައްޔަށް މިވަނީ ފައްސިވެފައެވެ. މިއާއި އެކީ އެގައުމުން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 7,958,384 އަށް އަރާފައެވެ.

ރަޝިއާއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން 6,981,907 މީހަކު ރަނގަޅުވެފައިވާއިރު، މިވަގުތު ބައްޔަށް ފައްސިވެފައިތިބީ 754,162 މީހެކެވެ. އޭގެ ތެރެއިން 2،300 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު