ސައުދި އަރަބިއްޔާގައި ކޮވިޑް-19 އާއި ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން ފަށައިފިއެވެ.

އެގައުމުގެ އިންޓީރިއާ މިނިސްޓްރީއިން އިއްޔެ ބުނީ ސައުދީ އަރަބިއްޔާއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް ދަށަށް ދިއުމާއެކު، ވެކްސިން ޖަހާފައިވާ މީހުންގެ އަދަދުތައް އިތުރުވެފައިވާ ކަމަށެވެ. އެހެން ކަމުން، ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން އެގައުމުގެ ސަރުކާރުން ނިންމާފައިވާކަން ހާމަކުރެއްވިއެވެ.

މިގޮތުން ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި މައްކާގައި ހުންނަ މަސްޖިދުލް ހަރަމް އަދި މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއަށް އެތަނުގެ ޖާގައާއި އެއްވަރަށް ވަދެވޭނެއެވެ. މިނިސްޓްރީން ބުނި ގޮތުން މި ދެ މިސްކިތުގެ ޖާގަަ ފުރެންދެން މީހުންނަށް މިސްކިތައް ވަނުމަށް ހުއްދަ ދޭނެއެވެ. އަދި ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން މިސްކިތުގައި ގައިދުރުކަން ބަހައްޓާކަށް ނުޖެހެއެވެ.

މީގެ އިތުރުން އާންމުން އެއްވެ އުޅޭ ހާމަ ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ނޫން ކަމަށް އެ މިނިސްޓްރީއިން ބުނެފައިވެއެވެ. މިނިސްޓްރީން ބުނީ ހަފުލާތަކާއި އާންމު ދަތުރުފަތުރުގައި ވެސް ގައިދުރުކަން ނޯންނާނެ ކަމަށެވެ. ހޮޓާތަކާއި، ރެސްޓޯރެންޓްތައް އަދި ވަލީމާތަކުގައި ގައިދުރުކަމަށް ސަމާލުކަން ދޭން ނުޖެހޭނެއެވެ.

މިދިޔަ މަހު އެގައުމުގެ ގައުމީ އެއާލައިންއިން ވަނީ ވެކްސިން ޖަހާފައިތިބި މީހުންނަށް ޑޮމެސްޓިކް ފްލައިޓުތަކުގައި ދަތުރުކުރެވޭނެކަން އިއުލާން ކޮށްފައެވެ. އަދި އޮގަސްޓް މަހު ދިން ލުއިތަކުގެ ތެރޭގައ، ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން އެގައުމުން އެހެން ގައުމުތަކަށް ދަތުރުކުރުމަށް ހުއްދަ ދީފައިވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން ސައުދީ އަރަބިއާގައި މިހާތަނަށް ކޮވިޑް ޖެހިފައިވަނީ 547,845 މީހުންނަށެވެ. އަދި މީގެ ތެރެއިން 8,758 މީހުން ބަލީގައި މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު