ކްރިސްޓިއަން ދީން ފަތުރާ އެމެރިކާގެ މިޝަނަރީ ގްރޫޕެއްގެ 17 މީހަކު ހެއިޓީގައި ރަހީނުކޮށްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރަހީނުކުރި މީހުންގެ ތެރޭގައި ހިމެނެނީ 14 މީހުންނާއި ތިން ކުޑަކުދިން ކަމަށް ހެއިޓީގެ ސަލާމަތީ ބާރުތަކުން މައުލޫމާތު ދެއެވެ. އެމީހުން ރަހީނުކޮށްފައި ވަނީ ހޮނިހިރު ދުވަހު ވެހިކަލެއްގައި ދަތުރުކުރަމުން ދަނިކޮށް ގޭންގަކުން ކަމަށް ވެސް އޮފިޝަލުން މައުލޫމާތު ދެއެވެ.

ރަހީނުކުރި މީހުން ދަތުރުކުރަމުން ދިޔައީ ހެއިޓީގެ ޓިޓަންޔެން ނަމަކަށް ކިޔާ ސަރަހައްދުން ކްރޮއިޒް ޑެން ބޮނަކްއެޓްސް ނަމަކަށް ކިޔާ ސަރަހައްދަށެވެ. އެމީހުން ރަހީނުކޮށްފައި ވަނީ އެދެމެދުގެ މަގަކުން ދަތުރު ކުރަމުން ދަނިކޮށް ކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް އަދި ކަމާބެހޭ އިދާރާތަކުން ސާފުކޮށެއް ނުދެއެވެ.

ސީއެންއެން އިން ބުނާ ގޮތުގައި މިހާދިސާ އާއި ގުޅޭ ގޮތުން އަދި ހެއިޓީގެ ޖަސްޓިސް މިނިސްޓްރީންނާއި ފުލުހުން ވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ހެއިޓީގައި އެމެރިކާ ބަޔަކު ރަހީނުކޮށްގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާކަން ކަށަވަރު ކޮށްދީފައެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އެމެރިކާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން އެއީ އެމެރިކާ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. ދިމާވެގެން އުޅޭ ކަންކަން ގާތުން ބަލަމުން ގެންދާ ކަމަށާއި ނަމަވެސް މިވަގުތު އިތުރު މައުލޫމާތެއް އަދި ދެވެން ނެތް ކަމަށް ވެސް ސްޓޭޓް ޑިޕާޓްމެންޓުން ބުނެއެވެ.

ހެއިޓީގައި މީހުން ރަހީނުކުރުން ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއަހަރުގެ ޖަނަވަރީން ފެށިގެން މިހާތަނަށް 628 މީހަކު ހެއިޓީގައި ރަހީނު ކޮށްފައި ވެއެވެ. އޭގެތެރެއިން 29 މީހުންނަކީ ބިދޭސީންނެވެ.