ކޮވިޑް-19 އާއި ގުޅިގެން ސައުދީ އަރަބިއްޔާގައި އަޅާފައި ހުރި ގިނަ ފިޔަވަޅުތައް އުވާލައި، ރޭ ފަތިސް ނަމާދުން ފެށިގެން ކައުބަތުﷲ ގެފުޅު ހުންނަ މަސްޖިދުލް ހަރަމާއި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް މަސްޖިދުލް ނަބަވީގައި ވަކި ކޮންޓްރޯލް އަދަދެއް ނެތި އެންމެނަށް ވެސް ނަމާދު ކުރުމުގެ ހުއްދަ ދީފިއެވެ.

މިހާރު ސައުދީ އަރަބިއްޔާގެ ހުރިހާ މިސްކިތެއްގައި ވެސް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ނަމާދު ކުރެވޭނެއެވެ. ނަމާދު ކުރަން މިސްކިތައް އަރާ މީހުންނަށް މާސްކް އެޅުން ވެސް މަޖުބޫރެއް ނޫނެވެ. ނަމަވެސް އުމްރާގެ އަޅުކަން އަދާކުރަން މަސްޖިދުލް ހަރަމާއި މަސްޖިދުލް ނަބަވީއަށް ވަންނަ މީހުންނަށް މާސްކް އެޅުން މަޖުބޫރު ވާނެއެވެ.

ސައުދީ އަރަބިއްޔާގައި މިއަދުން ފެށިގެން ދީފައިވާ ލުއިތަކުގެ ތެރޭގައި އާއްމު ތަންތަނުގައި މާސްކް އަޅަން ނުޖެހުން ހިމެނެއެވެ. ނަމަވެސް ބަންދުވެފައި ހުންނަ ތަންތަނުގައި އަދިވެސް މާސްކް އަޅަން ޖެހޭނެއެވެ. މިހާތަނަށް ސައުދީ އަރަބިއްޔާގައި މީހުން މޮނިޓަރ ކުރަން ބޭނުން ކުރަމުން އައި އެޕްލިކޭޝަން ކަމަށްވާ "ތަވައްކަލްނާ" އެޕްލިކޭޝަން ވެސް ބޭނުންކުރުން ހުއްޓާލަން މިހާރު ވަނީ ނިންމާފައެވެ. ނަމަވެސް އުމްރާގެ އަޅުކަން އަދާކުރާ މީހުންނަށް ހާއްސަ ކޮށްފައިވާ އެޕްލިކޭޝަން އަދިވެސް ބޭނުން ކުރަން ޖެހޭނެއެވެ.

އިތުރަށް ދިން ލުއިތަކުގެ ތެރޭގައި ކައިވެނި ޕާޓީތައް ބޭއްވުމުގެ ހުއްދަ ދިނުން ހިމެނެއެވެ. ކައިވެނި ޕާޓީތަކަށް ހާޒިރުވާން ޖެހޭ މީހުންގެ އަދަދުގެ ލިމިޓް ވެސް މިހާރު ވަނީ އުވާލާފައެވެ. ނަމަވެސް ބަންދުތަނެއްގައި ކައިވެނި ޕާޓީ ބާއްވާނަމަ މާސްކް އަޅަން ޖެހޭނެއެވެ.

ސައުދީ އަރަބިއްޔާގެ އިންޓީރިއާ މިނިސްޓްރީން ބުނީ މިހާރު ގެނެސްފައިވާ ބަދަލުތައް ކުރިއަށް އޮތްތަނުގައި ހާލަތައް ބަލާފައި ބަދަލު ކުރަން ޖެހިދާނެ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އުސޫލު ބަދަލުކުރާނީ ހަމައެކަނި ކޮވިޑް ފެތުރޭ ސަރަހައްދުތަކުގައި އެކަނި ކަމަށް އިންޓީރިއާ މިނިސްޓްރީން ބުނެއެވެ.

ސައުދީ އަރަބިއްޔާ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ބައި މިލިއަނަށް ވަނީ އަރާފައެވެ. ނަމަވެސް މިހާރު އެގައުމުން ދުވާލަކު ފައްސިވާ މީހުންގެ އަދަދު 100 އަށް ވެސް ނާރައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މީ އަހުރެން

    الحمد لله

    33
  2. ޒާހިދާ

    ‎الحمد لله‎‬

    10
  3. ކިމް

    ކީރިތި ރަސޫލާގެ ޢީދުމީލާދާ މިއުފާވެރި ޚަބަރުދިމާވުމަކީ ވަރަށްބޮޑު އިލާހީ ނިޢުމަތެއް. ހުރިހާ ބޭފުޅުންނަށް މައުލީދު މުބާރަކް!

  4. ސސ

    الحمد لله ކައުބަތު ﷲ ގެފުޅު އަބަދުވެސް ނޯމަލް ހާލަތުގައި އެންމެނަށް ނަމާދު ކުރެވޭ ގޮތަށް އޮތުމަކީ އުފަލެއް، އެތަނަށް ވަދެއްޖެ ކޮންމެ މީހަކަށް އަމާންކަން ލިބިގެންވޭ !