ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ސަރަހައްދުގައި ތާލިބާނުން ރަސްކަން ކުރަން ފަށައިފިއެވެ.

ތާލިބާނުންގެ ހަނގުރާމަވެރި ޖަމާއަތުން އަފްޣާނިސްތާންގެ ވެރިކަމާއި ހަވާލުވެފައިވާ އިރު އެ ގައުމުގައި ތިބި ތާލިބާނުން ދަނީ ވެރިކަން ފުޅާކުރުމަށް އަފްޣާނިސްތާނާއި ޕާކިސްތާނާއި ގުޅޭ ސަރަހައްދުގައި ފޯރިމަރަން ފަށައިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ސަރަހައްދުގައި ތާލިބާނުންގެ ބާރު އިތުރުވެފައިވާ އިރު އެ ޖަމާއަތަށް ވާގިވެރިވުމަށް އިތުރު މީހުންތައްވެސް ދަނީ ތަމްރީން ކުރެވެމުންނެވެ.

ދާދިފަހުން ތާލިބާނުން ވަނީ އެމެރިކާގެ އެހީތެރިކަމަށްވެސް އެދިފައެވެ. އެމެރިކާއިން ވަނީ އަފްޣާނިސްތާނަށް އިންސާނިއްޔަތުގެ އެހީ ދޭން ނިންމައިފައެވެ. އެއީ ކޮވިޑްގެ މި ދަނޑިވަޅާއި އަލުން އަފްޣާން ސަރުކާރާއި ހަވާލުވުމުން އިގްތިސާދީގޮތުން ތާލިބާނުންނަށް ގިނަ ގޮންޖެހުންތައް ހުރުމުން ކަމަށް އެ ޖަމާއަތުން ބުނެއެވެ.

ބޯޑަރު ސަރަހައްދުގައި ތާލިބާނުން ފޯރިމަރަމުންދާ އިރު އެ ސަރަހައްދު މިހާރު ބެލެވިފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ނިރުބަވެރި ހަމަލާދޭ ހަބަށެވެ.

އަންހެނުންގެ ބާރު އެއްވެސް ގޮތަކަށް ނެތި ތާލިބާނުން ހަދާފައިވާ ސަރުކާރަށް ތާއީދު ކުރުމަށް ދުނިޔޭގެ ގައުމުތަކަށް ތާލިބާނުން ވަނީ ގޮވާލާފައެވެ. 21 އަހަރަށްފަހު ތާލިބާނުން އަފްޣާނިސްތާނުގެ ސަރުކާރާއި ހަވާލުވި އިރު ކުރިން އެ ޖަމާއަތުން އަފްޣާނިސްތާނުގައި ވެރިކަން ކުރި ގޮތަށް މިފަހަރު ވެރިކަން ނުކުރާނެ ކަމަށް އެ ޖަމާއަތުން ބުނެފައި ވެއެވެ.

ބޯޑަރު ސަރަހައްދަށް ތާލިބާނުންގެ ހަނގުރާމަވެރިން އެއްވަމުންދާއިރު އެއީ އެ ސަރަހައްދަށް ހުރި ނުރައްކަލެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. ތާލިބާނުން ބުނާގޮތުގައި ޖާނުންފިދާވުމުގެ ހަމަލާތަކާއި ބޮން ގޮއްވުމުގެ ހަމަލާތައް މިހާރު ދެމުންދާ ބަޔަކީ އައިއެސް ޖަމާއަތް ކަމަށެވެ.