އޭޝިއާ ސަރަހައްދަށް ކުރަމުންދާ ގަދަ ވިއްސާރައިގައި އިންޑިއާގެ ކެރެެލާގައި އާދަޔާ ހިލާފަ ފެންބޮޑުުވުމުގެ ސަބަބުން އަށް މީހަކު މަރުވެ 12 މީހަކު ގެއްލިއްޖެއެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުން މަރުވި މީހުންގެ އަދަދު އިތުރުވުން ގާތެވެ. ރިޕޯޓުތައް ބުނާގޮތުން ކޮޓަޔަމްއިން 12 މީހެއްގެ ހަށިގަނޑު އަދި އިޑުއްކީ އިން އިތުރު 3 މީހެއްގެ ހަށިގަނޑު ހޯދާފައިވެއެވެ.

ނިއުސް18އިން ބުނީ ކޮޓަޔަމްއިން ހޯދުނު މީހުންގެ ތެރޭގައި ދެ އަންހެނުންނާއި ކުޑަ ކުއްޖަކު ހިމެނޭ ކަމަށެވެ. މީޑިއާތަކުން ރިޕޯޓުކުރާ ގޮތުން މި ސަރަހައްދުގެ ގެތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ފެންބޮޑުވެ، އެ ސަރަހައްދުގެ ބައެއް ހިސާބުތަކުން ވަނީ ބިންގަނޑު ކަނޑައިގެން ގޮސްފައެވެ. ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް އާއި އިންޑިއާ ސިފައިން ގުޅިގެން ކޮޓަޔަމް އާއި އިޑުއްކީގެ ސަރަހައްދުތަކުގައި އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

މޫސުން ގޯސްވުމުގެ ސަބަބުންމި ދެ ސްޓޭޓް އާއި އިތުރު ހަތަރު ސްޓޭޓްއަކަށް ވަނީ ރަތް ސަމާލު ނެރެފައެވެ. މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެނިގެންދަނީ އެ ސަރަހައްދުތަކުގެ މީހުން މަގުމަތީގައި ހިނގާ ބިނގާވެ އުޅޭއިރު، މެޔާ ހަމައަށް މަގުމަތީގައި ހެދިފައިވާ ފެންގަނޑު އަރާފައިވަނިކޮށެވެ.

އޮފިޝަލުން ބުނީ ރެސްކިއު ޓީމުން މިހާރުވެސް އެ ސަރަހައްދުތަކުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހޯމް އެފެއާޒް މިނިސްޓަރ އަމީތް ޝާހް ވިދާޅުވީ އިންޑިއާ ސަރުކާރުން ކެރެލާގެ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ. އަދި ވިއްސާރައިގެ ސަބަބުން ގެއްލުންވަމުންދާ ސްޓޭޓްތަަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު