އޮސްޓްރޭލިއާގެ މެލްބަން ސިޓީގައި ތަންފީޒުކޮށްފައިވާ ފުރަބަންދުގެ އުސޫލުތައް އުވާލުމަށް ނިންމައިފިއެވެ.

ފަސް މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ މެލްބަންނަކީ ދުނިޔޭގައި އެންމެ ދިގު ފުރަބަންދެއް ތަންފީޒުކޮށްފައިވާ ސިޓީއެވެ. އެ ސިޓީގައި ފުރަބަންދު އުވާލަން ނިންމާފައިވަނީ ހަރުދަނާ ވެކްސިން ކޭމްޕެއް ގައުމުގައި ހިންގައި، ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު މި ހަފްތާގައި 70 އިންސައްތައަށް އަރާނެތީއެވެ.

މެލްބަންގެ ޕުރިމިޔަރ ޑެނިޔަލް އެންޑުރޫސް ވިދާޅުވީ މެލްބަންގައި ތަންފީޒުކޮށްފައިވާ ފުރަބަންދުގެ އުސޫލުތައް އުވާލުމަށް ނިންމީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ ރަށުގެ 70 އިންސައްތަ މީހުން ކޮވިޑް-19ގެ ވެކްސިން ފުރިހަމަކުރާނެކަމަށް ބެލެވުމުން ކަމަށެވެ.

"ބުރާސްފަތި ދުވަހު ރޭގަނޑު 11:59 އެއްގެ ފަހުން ފުރަބަންދެއް ނޯންނާނެ. ގެއިން ބޭރަށް ދިއުމުގައި އުސޫލުތަކެއް އަދި ކާފިއު އިއުލާން ކުރުން ނިމުމަކަށް އައީ" އެންޑްރޫސް ވިދާޅުވިއެވެ.

މި ހަފްތާގައި ފުރަބަންދު ނިމުމަކަށް ގެންނައިރު، މިދިޔަ އަހަރުގެ މާރޗް މަހުން ފެށިގެން އެ ސިޓީ ހަ ފަހަރެއްގެ މަތިން ފުރަބަންދު ކޮށްފައިވެއެވެ. ފުރަބަންދު މުއްދަތުގެ ގޮތުގައި ޖުމްލަ 262 ދުވަސް އެ ސިޓީގެ ރައްޔިތުން ހޭދަކޮށްފައިވެއެވެ.

އެ ގައުމުގެ ވެކްސިންގެ އެންމެ ފަހުގެ އަދާހަމަތަކަށް ބަލާއިރު، ވިކްޓޯރިއާ ސްޓޭޓުން މިހާތަނަށް ގިނަ ބަޔަކު ވަނީ ވެކްސިން ފުރިހަމަ ކޮށްފައެެެވެ. އެގޮތުން، އެ ސްޓޭޓުގެ 16 އަހަރުން މަތީގެ 65 އިންސައްތަ ކުދިން ވެކްސިންގެ ދެ ޑޯޒު ޖަހާފައިވެއެވެ. އަދި 89 އިންސައްތަ މީހުން ވަނީ ވެކްސިންގެ އެއް ޑޯޒް ޖަހާފައެވެ.

އޮސްޓްރޭލިއާއަކީ ދުނިޔޭގައި ކޮވިޑް-19އާ ދެކޮޅަށް އެންމެ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ އެއް ގައުމެވެ. އަދި މީގެ ކުރިން ބަލިމަޑުކަން ފެތުރުން އެ ގައުމުންވަނީ ހުއްޓުވައިފައެވެ. ނަމަވެސް، ޑެލްޓާ ވޭރިއެންޓުގެ ވޭދަނަތައް އިތުުރުވެ، ގައުމުގައި ކޮވިޑް ފެތުރެން ފެށުުމުން ގިނަ ސަރަހައްދުތަކެއް ފުރަބަންދުކޮށް ފިޔަވަޅުތައް ވަރުގަދަ ކުރިއެވެ.