އަފްޣާނިސްތާންގެ އަންހެން ކުދިން ވަރަށް އަވަހަށް ސްކޫލްތަކާއި ޔުނިވަސިޓީތަކަށް ދާން ފަށާނެ ކަމަށް އަފްޣާނިސްތާންގެ އިންޓީރިއާ މިނިސްޓްރީން ބުނެފިއެވެ.

އޮގަސްޓް މަހު އަފްޣާނިސްތާންގެ ވެރިކަމަށް ޠާލިބާނުން އައި ފަހުން އަންހެން ކުދިންނާއި އަންހެން މުދައްރިސުން ވެސް ސްކޫލްތަކާއި ޔުނިވަސިޓީތަކަށް ދިއުން ވަނީ މަނާކޮށްފައެވެ. އެނިންމުމުގެ ސަބަބުން ބައިނަލްއަޤުވާމީ ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން ވަނީ ޠާލިބާނުންނަށް އަމާޒުވެފައެވެ.

އަފްޣާނިސްތާންގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާން ގާރީ ސައީދު ހޫސީ "އަލްޖަޒީރާ" އަށް އާދީއްތަ ދުވަހު ދިން އިންޓަވިއުއެއްގައި ބުނީ އަފްޣާނިސްތާންގެ ސްކޫލްތައް ވަރަށް އަވަހަށް އަންހެން ކުދިންނަށް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް ސްކޫލްތައް އަންހެން ކުދިންނަށް ހުޅުވާނެ ތާރީހެއް އިއުލާން ކުރާނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަރަށް އަވަހަށް ސްކޫލްތަކާއި ޔުނިވަސިޓީތައް އަންހެން ކުދިންނަށް ހުޅުވާލާނެ. އަންހެން ކުދިންނާއި އަދި އަންހެނުންނަށް ވަރަށް އަވަހަށް ދަރިވަރުންގެ ގޮތުގައާއި ޓީޗަރުންގެ ގޮތުގައި ސްކޫލްތަކާއި ޔުނިވަސިޓީތަކަށް ދެވޭނެ." ސައީދު ވިދާޅުވިއެވެ.

ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަމަށް އައުމަށް ފަހު ބުނެފައި ވަނީ އަންހެން ކުދިން މިވަގުތު ސްކޫލަށް ނުގޮސް ގޭގައި މަޑުކުރަން ޖެހެނީ އެކުދިންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމު ކޮށްދިނުމަށް ވަގުތު ބޭނުންވާތީ ކަމަށެވެ.

1990 ގެ އަހަރުތަކުގައި ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަން ކުރިއިރު އަންހެން ކުދިން ސްކޫލަށް ދިއުން އޮތީ މަނާކޮށްފައެވެ. އަދި އަންހެނުން ވަޒީފާ އަދާކުރުން ވެސް އޮތީ މަނާކޮށްފައެވެ. މިފަހަރު ވެސް ޠާލިބާނުންނަށް ވެރިކަން ލިބުމުން އެންމެ ގިނަ މީހުން ކަންބޮޑުވި ސަބަބަކީ ކުރީގެ ތާރީޚް ޠާލިބާނުން އިއާދަކޮށްފާނެތީއެވެ. ނަމަވެސް ޠާލިބާނުން ބުނަމުން ދަނީ އަންހެނުންނަށް ވެސް ހަމަހަމަ ހައްގުތަކަށް އަފްޣާނިސްތާންގައި ލިބިގެން ދާނެ ކަމަށެވެ.

އަންހެނުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ޠާލިބާނުން ވެފައިވާ ވައުދު ނުފުއްދާ ކަމަށް ބުނެ އދ.ގެ ސެކެޓްރީ ޖެނެރަލް ވެސް ވަނީ ދާދިފަހުން ކަންބޮޑުވުން ފާޅުކޮށްފައެވެ.