އިންޑިއާގެ ކެރެލާގައި އާދަޔާ ހިލާފަ ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 35 އަށް އަރައިފިއެވެ.

އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްއިން ބުނީ ކެރެލާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ގިނަ ހާދިސާތަކެއް ކުރިމަތިވެފައިވާކަމަށެވެ. އަދި އެ ހާދިސާތަކުގައި 35 އަށްވުރެ ގިނަ މީހުން މަރުވެ އިމާރާރްތަކަށާއި އެ ނޫންވެސް އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އޮފިޝަލުން ބުނީ ރެސްކިއު ޓީމުން މިހާރުވެސް އެ ސަރަހައްދުތަކުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އެ އިދާރާއިން ބުނީ ކޯރުތައް ފުރިގެން މަގުތަކުގައި އިތުރަށް ފެންބޮޑުވަމުންދާތީ ކެރެލާގެ މީހުން ރައްކާތެރި ހިސާާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިހާތަނަށް 100 ސަރަހައްދެއްގައި ކޭމްޕް ޖަހައި ހާހަކަށް ވުރެ ގިނަ މީހުންނަށް ރައްކާތެރިކަން ހޯދައިދީފައިވާކަމަށް ބުނެފައިވެއެވެ.

އަދި އިންޑިޔާގެ އަސްކަރީ ފައުޖުތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑިޒާސްޓާރ ރެސްޕޮންސް ފޯސްއިން ބުނެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އިންޑިއާގެ ގިނަ ސަރަހައްދު ތަކަކަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. އަދި މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިއުލާން ކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާއްމުން އަމަލުކުރުމަށް އިލްތިމާސްކުރާކަމަށް ކެރަލާގެ ސަރުކާރުންވަނީ ބުނެފައެވެ.

ހޯމް އެފެއާޒް މިނިސްޓަރ އަމީތް ޝާހް ވިދާޅުވީ އިންޑިއާ ސަރުކާރުން ކެރެލާގެ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ. އަދި ވިއްސާރައިގެ ސަބަބުން ގެއްލުންވަމުންދާ ސްޓޭޓްތަަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރ އިއްޔެ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަންކާރާ

    ކެރެލާ ސްޓޭޓް މީހުނައް ހެޔޮ ގޮތް މެދު ކުރައްވާށި. އިންޑިޔާގެ އެންމެ ސަޅި ސްޓޭޓް.ބީޖޭޕީ އައް ނޫނެކޭ ބުނި އެންމެ ބޮޑު ސޓޭޓް. ކެރެލާގެ މީހުންނަކީ ދިވެހިންނައި ޒަމާނުއްސުރެ ހާއްސަ ގުޅުމެއް އޮތް ބައެއް.