ކޮވިޑް-19 ޖެހިގެން ރަޝިއާއިން ރިކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ރަޝިއާއަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން ފަސް ވަނަ އަށް އެންމެ ގިނަ މީހަކު މި ބައްޔަށް ފައްސިވެ، މަރުވެފައިވާ، ބަލީގެ ނުރައްކާ ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ގައުމެކެވެ.

ކޮވިޑްގެ ފަހުގެ ތަފާސް ހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން ނެރެފައިވާ ތަފާސް ހިސާބުތަކައް ބަލާއިރު، އިއްޔެ އެގައުމުން އިތުރު 998 މީހަކު މި ބަލީގައި މަރުވެފައިވާއިރު، މިހާރު އިތުރު 1015 މީހަކު މިވަނީ ބަލީގައި މަރުވެފައެވެ. އެއާއި އެކީ އެގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 225,325 އަށް އަރާފައެވެ.

މިއީ މިހާތަނަށް މި ބަލި އެގައުމުގައި ފެތުރެން ފެށި ފަހުން އެންމެ ގިނަ މީހުން އެއްދުވަސް ތެރޭ މި ބަލީގައި މަރުވި ފަހަރެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން އެގައުމުން މި ބަލީގައި މަރުވެފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1002 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

އެގައުމުން ރިކޯޑް އަދަދަކަށް މީހުން މި ބަލީގައި މަރުވެފައިވާއިރު، ބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދު ވެސް ވަނީ ރިކޯޑް އަދަދަކަށް މައްޗަށް ގޮސްފައެވެ. އެގޮތުން އިތުރު 33,740 މީހަކު މި ބައްޔަށް މިވަނީ ފައްސިވެފައެވެ. މިއާއި އެކީ އެގައުމުން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 8,060,752 އަށް އަރާފައެވެ.

ރަޝިއާއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން 7,040,481 މީހަކު ރަނގަޅުވެފައިވާއިރު، މިވަގުތު ބައްޔަށް ފައްސިވެފައިތިބީ 794,946 މީހެކެވެ. އޭގެ ތެރެއިން 2،300 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެންނެވެ.

ރަޝިއާގައި ބަލިން ރައްކާތެރިވުމަށް ވެކްސިން ފުރަތަމަ ޑޯޒު 51،388،292 މީހަކު ވަނީ ޖަހާފައެވެ. އެއީ އާބާދީގެ 35.7 އިންސައްތައެވެ. އަދި ދެވަނަ ޑޯޒު 47،319،976 މީހަކު ވަނީ ފުރިހަމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު