އެމެރިކާގެ ޓެކްސަސްގައި މަތިންދާބޯޓެއް ނައްޓާލަން އުޅުމުގެ ތެރޭގައި ރަންވޭ އިން ކަހާލައި ބޯޓު ގޮވައިފިއެވެ.

21 ޕަސެންޖަރުންނާއި އެކު ދަތުރުކުރަމުން ދިޔަ މެކްޑޮނަލްޑް ޑަގްލަސް އެމްޑީ-87 މަރުކާގެ މި ބޯޓު ގޮވި ނަމަވެސް އޭގެ ކުރިން ބޯޓުގައި ތިބި ހުރިހާ ފަޅުވެރިންނާއި ޕަސެންޖަރުން ވަނީ ބޯޓު ހުސްކޮށްފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ޓޭކްއޮފް ކުރަން އުޅުނު ވަގުތު ރަންވޭ އިން ކަހާލައި އެއާޕޯޓުގެ ފެންސެއްގައި ޖެހިިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އާއްމުކޮށް ޓޭކްއޮފް ކުރާ ވަގުުތު ހިނގާ މިފަދަ އެކްސިޑެންޓުތަކުގައި ވަރަށް އަވަހަށް ބޯޓުގައި ހުޅު ހިފައި ގޮވަން މަގުފަހިވާނެއެވެ. އެއީ ނައްޓާލާ ވަގުތު ހިނގާ އެކްސިޑެންޓުތަކުގައި ގިނަ އަދަދަކަށް ޖެޓްފިއުލް ބޯޓުން ލީކު ވާނެތީއެވެ.

ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު ހާނިކަ އެއް ނުވެ ސަލާމަތްވުމުން އެއީ ވަރަށް ނަސީބުގަދަ ބައެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 21 ޕަސެންޖަރުންގެ ތެރެއިން އެންމެ މީހެއްގެ ބުރަކައްޓަށް ތަދެއް އެރުން ފިޔަފައި އިތުރު އަނިޔާ އެއްގެ ރިޕޯޓު ލިބިފައި ނުވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ބޯޓުގައި ރޯވި ހުޅުގަނޑު ނިއްވުމުގެ މަސައްކަތް ފަޔާ ފައިޓަރުން ކުރަމުން އަންނައިރު އެމެރިކާގެ ވައިގެ އެކްސިޑެންޓުތައް ތަހުގީގު ކުރާ އެންޓީއެސްބީ އިން އަންނަނީ މި ހާދިސާ އިތުރަށް ބަލަމުންނެވެ.