ފަހުގެ ތާރީޚެއްގައި ދުނިޔެދުއް އެންމެ ނުރައްކާތެރި މަސްތުވާތަކެތީގެ ބޮޑުވިޔަފާރިވެރިޔާ ކަމަށް ގަބޫލު ކުރެވޭ މެކްސިކޯގެ އެލްޗަޕޯ ގުޒްމަން، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މުޝީރެއްގެ މަގާމު އަދާކުރި ސްޓީވް ބެނޮން އާއިއެކު އެއްގޮޅިއެއްގައި އޮންނަން ދެކޮޅުހެދި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލަ އާއި ގޭންގެއް މެދުވެރިކޮށް އެތައް ބަޔަކު މެރުމުގެ މައްސަލައިގައި އެލްޗަޕޯ އަންނަނީ އެމެރިކާގެ ޖަލެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ޓްރަމްޕްގެ ވެރިކަމުގައި އޭނާގެ މުޝީރެއްގެ މަގާމު އަދާކުރި ބެނޮން ވަނީ އެމެރިކާގެ ކޮންގްރެސްއަށް ދޮގު މައުލޫމާތު ދިންކަމަށް ބުނެ ޓްރަމްޕްގެ ވެރިކަމުގައި ޖަލަށް ލާފައެވެ.

އެމެރިކާގެ "ނިއުޔޯކް ޓައިމްސް" އިން އިއްޔެ ބުނީ ބެނޮން ޖަލަށް ލުމުން އޭނާ ބޭނުންވީ އެލްޗަޕޯ އާއިއެކު އެއްގޮޅިއެއްގައި އޮންނަން ކަމަށެވެ. ކަރެކްޝަނަލް ސާވިސްގައި އޭނާ އެގޮތައް އެދުމުން ބެނޮން، އެލްޗަޕޯގެ ގޮޅިއަށް ލުމަށް މަސައްކަތް ކުރެވުނެވެ. ނަމަވެސް އެލްޗަޕޯ ވަނީ ބެނޮން އާއިއެކު އެއްގޮޅިއެއްގައި އޮންނަން ދެކޮޅު ހަދާފައެވެ. އެހެންވެ ދެމީހުން އެއްގޮޅިއެއްގައި ބަންދު ކުރެވިފައެއް ނުވެއެވެ.

ޓްރަމްޕް އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލުމުން އެންމެ އަރިހުގައި ކެމްޕޭންގެ ކަންކަން ރޭވުމުގައި އިސްކޮށް ހުރި އެކަކަކީ ބެނޮންއެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަމަށް ހަތް މަސް ދުވަސް ވީތަނުން ބެނޮންން ވަނީ ސަރުކާރުން އިސްތިއުފާ ދީފައެވެ. އޭގެ ފަހުން ޓްރަމްޕް އާއި ބެނޮންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ބެނޮންގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ޓްރަމްޕަށް އިންތިހާބު ކާމިޔާބު ނުވުމުން ޓްރަމްޕް ވަނީ ބެނޮންއަށް އަފްއާމް ދީފައެވެ. އެހެންކަމުން އެހިސާބުން އޭނާ ޖަލުން މިނިވަންވިއެވެ.

ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭނާގެ މައްޗަށް ވަނީ މަނީލޯންޑަރިންގެ ދައުވާއެއް އުފުލާފައެވެ. އެދައުވާ ސާބިތުވެއްޖެނަމަ އޭނާއަށް 20 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.