ދުނިޔެއިން ބޭރުގައި އުޅޭ ކަމަށް ބުނާ 'އޭލިއަން" އާއި ވައްތަރުގެ ކަނޑުގެ ދިރުންތަކެއް ސައިންސްވެރިން މެކްސިކޯގެ ކަނޑުގެ ސަރަހައްދުން ހޯދައިފިއެވެ.

ސައިންސްވެރިން އަންނަނީ ކަނޑުގައި އުޅޭ ތަފާތު ދިރުންތައް ދުވަހުން ދުވަހަށް އާއްމުންނާއި ހަމައަށް ގެނެސްދެމުންނެވެ. އެންމެ ފުންކަނޑުގެ އަޑިއަށް މިހާތަނަށް ދެވިފައި ނުވާއިރު، ސައިންސްވެރިން ބުނެފައިވަނީ އެހިސާބުގައި ތަފާތު ވައްތަރުގެ ދިރުންތައް އުޅޭ ކަމަށެވެ.

ގަލްފް އޮފް މެކްސިކޯގެ ކަނޑުގެ ސަރަހައްދުގެ އަޑިން ސައިންސްވެރިންނަށް ފެނިފައިވާ ކަމަށް ބުނެފައިވަނީ އޭލިއަނާއި ވައްތަރުގެ 14 ދިރުމެކެވެ. އޭގެ ތެރޭގައި އިހި، ޕްރޯންސް ފަދަ ދިރުންތައް ހިމެނެއެވެ.

ފްލޮރިޑާގެ އިންޓަނޭޝަނަލް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ބްރަކެން ގްރިސޮމް ބުނެފައިވަނީ އެފަދަ ދިރުންތައް އާލާ ވާނީ ވަރަށް ގިނަ ސްޓޭޖްތަކަށް ފަހު ކަމަށެވެ. އަދި ބައެއް ދިރުންތައް އެއީ މިހާރު ވެސް އާލާވަމުން އަންނަ ދިރުންތައް ކަމަށް އޭނާ ވަނީ ސިފަ ކޮށްފައެވެ.

ޑައިވާސިޓީ ޖާނަލްގައި ބުނެފައިވަނީ ސައިންސްވެރިން އަންނަނީ އެފަދަ ދިރުންތަކުގެ އަސްލު ބެލުމުގެ ގޮތުން ޑީއެންއޭ ޓެސްޓްތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް މިހާތަނަށް ހޯދިފައިވާ ހޯދުންތައް ހާމަ ކޯށްފައެއް ނުވެއެވެ.

އެޔުނިވާސިޓީން ނެރެފައިވާ ބަޔާނެއްގައި ބުނީ، މިއީ އެފަދަ ދިރުމެއް ފެނިފައިވާ ފުރަތަމަ ފަހަރު ނޫން ކަމަށާއި މީގެ ކުރިން 2012 ވަނަ އަހަރު ވެސް 'ސެރަޓަސްޕިސް މޮންސްޓްރޯސާ' ނަމަކަށް ކިޔާ ވައްތަރެއްގެ ދިރުމެއް ފެނިފައިވާ ކަމަށެވެ.

ސައިންސްވެރިން ބުނެފައިވަނީ އެގޮތަށް ފެނިފައިވާ ގިނަ ދިރުންތަކަކީ އެއީ މަސްތައް ކައި ހެދުމަށް ބޭނުން ކުރާ ތަކެތި ކަމަށާއި އެދިރުންތައް އެހާ ބޮޑު ނުވާ ކަމަށެވެ.

މިފަދަ ދިރުންތަކެއް ފެނުމާއި ގުޅިގެން ސައިންސްވެރިން އަންނަނީ އެކަމުގައި ހަދަން ޖެހޭ ތަހުލީލުތައް ހެދުމުގެ ކަންކަން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތުމީހާ

    ބަޔަކު ބުނީމަ ވައްތަރުވީ ... އިއްސާއި ޑިނގާ ފަދަ އެއްޗަކާނޫންތަ ވައްތަރީކީ ... އަދި ދުވަހަކުވެސް އޭލިއަންއެއް ނުފެނި އެއާ ވައްތަރުކުރާނީ ކިހިނެއް

  2. ސަނީ

    އޭލިއަން" އާއި ވައްތަރު! ކާކައްތަ އޭލިއަން ފެނިގެން އުޅެނީ. އަދި މިވީތަންކަށް ފެނިގެން އުޅޭ އެއްޗެއްވެސް ނޫން. އެކަމަކު އޭލިއަން އާއި ވައްތަރޯ