ފްރާންސްގެ އުތުރުގެ ސަރަހައްދުތަކަށް ރޭ ދަންވަރު ވަރަށް ބޮޑަށް ވައިގަދަވުމުގެ ސަބަބުން 250،000 އަށްވުރެ ގިނަ ގެތަކުން ކަރަންޓް ކެނޑިއްޖެއެވެ.

އެ ސަރަހައްދަށް ވައިގަދަވެފައި ވަނީ ތޫފާން "އަރޯރާ"ގެ ނަމުން ނަން ދީފައިވާ ތޫފާނާއި ގުޅިގެންނެވެ.

ޕަވަރ ގްރިޑް އޮޕަރޭޓަރ އެނެޑިސް ވިދާޅުވިގޮތުގައި، އެ ގައުމުުގެ 250،000 އަށްވުރެ ގިނަ ގެއިން ވަނީ ކަރަންޓް ކެނޑިފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ޖީން-ބެޕްޓިސްޓް ޑިޖެބްބަރީ ވިދާޅުވީ، ތޫފާނުގެ އަސަރު އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ޕެރިސް، ނޯމަންޑީ، އުތުރު ފްރާންސް އަދި އިރުމަތީ ލޮރޭން ސަރަހައްދުގެ ވަށައިގެންވާ އިލެ-ޑި-ފްރާންސް ސަރަހައްދަށް ކަމަށެވެ.

މި ތޫފަނާއި ގުޅިގެން ލިބިފައިވާ ގެއްލުންތަކުގެ ފޮޓޯތައް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެގޮތުން ގަސްތައް ވެއްޓުމުގެ ސަބަބުން ގެތަކަށް ލިބިފައި ހުރި ގެއްލުންތަކުގެ ފޮޓޯތައް މީސް މީޑިއާގައި ދައުރުވެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ހުޅަނގު ބްރިޓަނީ ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ބައެއްގެ ގެދޮރު ވަނީ ހަލާކުވެފައެވެ.

އެނެޑިސް ވިދާޅުވީ ކަރަންޓް ކެނޑިފައިވާ ސަރަހައްދުތަކަށް ކަރަންޓް ދިނުމަށް 3،000 އެއްހާ ޓެކްނީޝަނުން މިހާރު ފޮނުވާފައިވާ ކަމަށެވެ.

މި ތޫފާނާއި ގުޅިގެން އިއްޔެ ފްރާންސްގެ ބޮޑު ސަރަހައްދަކަށް އޮރެންްޖް ސަމާލުވެސް ނެރެފައި ވެއެވެ. އެހެން ނަމަވެސް މިހާރު ބައެެއް ސަރަހައްދުތަކަށް އެ ސަމާލު އުވާލާފައިވާއިރު، ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ދަމަހައްޓާފައި ވެއެވެ.