ކޮވިޑް-19 އިން ދިފާއުވުމަށް އެންމެ ގިނަ ބަޔަކަށް ވެކްސިން ދީފައިވާ އެއްގައުމު ކަމަށްވާ އިނގިރޭސިވިލާތުން މިއަދު 52,009 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިއަދަކީ މިއަހަރުގެ ޖުލައި 17 ވަނަ ދުވަހަށްފަހު އިނގިރޭސިވިލާތުން ކޮވިޑަށް އެއްދުވަސް ތެރޭގައި އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

ކޮވިޑް ޖެހިގެން މިއަދު އިނގިރޭސިވިލާތުން 115 މީހުން ވަނީ މަރުވެފައެވެ.

އިނގިރޭސިވިލާތުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވަމުން ދާއިރު 45 މިލިއަން މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ފުރިހަމަކޮށްފައެވެ.

އިނގިރޭސިވިލާތުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް އިނގިރޭސިވިލާތުގައި އިތުރު ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ވިސްނުމެއް އަދި އެގައުމުގެ ސަރުކާރުން ނުގެންގުޅެއެވެ. ބޮޑުވަޒީރު ބޮރިސް ޖޯންސަން މިއަދު ވިދާޅުވީ އިނގިރޭސިވިލާތުގެ ކޮވިޑްގެ އަދަދުތައް އޭނާ ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

އިނގިރޭސިވިލާތުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ކޮވިޑަށް ފައްސިވާ މީހުންގެ ނިސްބަތައް ބަލާއިރު ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދާއި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު މަދުކަން ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ އެގައުމުގެ ގިނަ ބަޔަކު ވެކްސިން ފުރިހަމަ ކޮށްފައިވުމުން ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ގިނަ ބަޔަކަށް ވެކްސިން ދެވިފައި ވުމުން މިހާރު އިނގިރޭސިވިލާތުގައި ވެސް ކޮވިޑް ކޮންޓްރޯލް ކުރަން މާގިނަ ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ. ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން އެގައުމުން ވެސް ވަނީ މިހާރު ގިނަ ލުއިތަކެއް ދީފައެވެ.