ބެންކޮކަށް ކަރަންޓީން ނުވެ 45 ގައުމެއްގެ މީހުންނަށް ނޮވެމްބަރ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ދަތުރުކުރެވޭނެކަން އެގައުމުން މިއަދު އިއުލާން ކުރިއިރު އޭގެތެރޭގައި ދިވެހިރާއްޖެ ނުހިމެނެއެވެ.

ތައިލެންޑްގެ ބޮޑުވަޒީރު މިއަދު އިއުލާންކުރި ލިސްޓްގައި 45 ގައުމާއި، އޭގެއިތުރުން ޗައިނާގެ ހޮންކޮންގް ވެސް ވަނީ ހިމަނާފައެވެ. ކަރަންޓީންނުވެ ތައިލެންޑަށް ދަތުރު ކުރެވޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ. ވެކްސިން ފުރިހަމަ ކުރި ނަމަވެސް ލިސްޓްގައި ނުހިމެނޭ ގައުމުތަކުގެ މީހުން ތައިލެންޑަށް ގޮސް 21 ދުވަހު ކަރަންޓީން ވާން ޖެހޭނެއެވެ.

ތައިލެންޑަށް ދަތުރު ކުރާ މީހުން އެގައުމަށް އެތެރެވުމުގެ 72 ގަޑިއިރު ކުރިން ކޮވިޑަށް ޓެސްޓް ކޮށްފައިވާކަން އެނގޭ ލިޔުމެއް ދަތުރު ކުރާއިރު ގެންދަން ޖެހޭނެއެވެ.

އަދި ތައިލެންޑަށް ދިއުމުން ވެސް ހުރިހާ އެންމެން ކޮވިޑަށް ޓެސްޓް ކުރާނެއެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން ހުރިހާ އެންމެން ވެސް މަޑުކުރަން ޖެހޭނީ ސަރުކާރުން ހުއްދަ ދީފައިވާ ހޮޓަލެއްގައެވެ.

އިތުރަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ތައިލެންޑަށް ދަތުރު ކުރާ އެންމެން ވެސް ބައިލައްކަ ޑޮލަރުގެ އިންޝްއަރެންސް ކަވަރޭޖެއް ލިބޭކަން ކަށަވަރު ކުރެވޭ ލިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.

ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔަޓް މިއަދު ވިދާޅުވީ އެގައުމުން ފަތުރުވެރިންނަށް މަރުހަބާ ކިޔަން ތައްޔާރުވަމުން ދާއިރު ކޮވިޑުން ދިފާއުވުމަށް އިތުރު ފިޔަވަޅުތައް އަޅަން ޖެހޭކަމަށެވެ.

ތައިލެންޑްގެ އަލުން ހުޅުވާލިނަމަވެސް އެގައުމުގައި ބަނގުރާ ބޭނުން ކުރުން މަނާކޮށްފައި އޮތް އޮތުން ޑިސެމްބަރ މަހުގެ 01 ވަނަ ދުވަހާއި ހަމައަށް ދަމަހައްޓަން ސަރުކާރުން ވަނީ ނިންމާފައެވެ.

ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ތައިލެންޑަށް ކޮވިޑްގެ ސަބަބުން ވަނީ އިގްތިސޯދީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢަޒީމް

  ރާއްޖޭގެ ފޮރިން މިނިސްޓަރ މުޅި ދުނިޔޭގައި އެބަ ދުވޭ ... ކޮންކަމެއްތަ އޭނާޔަށް ވަނީ

  6
  1
 2. ޖުއްބާ

  ބަނގުރަލާ ކަސްބީންނާ ނުލާ ކޮން ބެންކޮކެއް؟!

  2
  3
 3. ރަން ރީނދޫ

  ކުރީ ސަރުކާރުގެ ފީކަޅާ ފޮރިން ޕޮލިސީގެ ސަބަބުންނޯ ،ދިވެހިން ކަރަންޓީން ވާން ޖެހޭނީ. ދޮން ބިލެތް ކޮބާ ނެތް ތަ ދަތުރެއް.

 4. ހުސޭނުބޭ

  ތެޔޮދަމަން ދާ ކުދިންނަނަށް ވަރަށް ގެއްގުން