އިނގިރޭސިވިލާތުން މިހާރު އަލަށް ފެނިގެން އުޅޭ ކޮވިޑް-19 ޑެލްޓާ ޕްލަސް ވޭރިއަންޓް މާފަސޭހައިން، މާއަވަހަށް އެކެއްގެ ގައިން އަނެކަކަށް ފެތުރޭ ކަމަށް ލަފާކުރެވޭ ކަމުގައި އެގައުމުގެ އޮފިޝަލުން ބުނެފިއެވެ.

ޑެލްޓާ ޕްލަސް ނުވަތަ AY.4.2 ކޮވިޑް ވޭރިއަންޓްގެ މާގިނަ މައުލޫމާތުތަކެއް އަދި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނަށް ވެސް ނުލިބެއެވެ. އަދި އާވޭރިއަންޓްގެ ކަންކަން އަންނަނީ ދިރާސާ ކުރަމުންނެވެ. އިނގިރޭސިވިލާތުގައި މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރު ވެގެން ގޮސްފައިވާ އެއްސަބަބަކީ ވެސް ޑެލްޓާ ޕްލަސް ވޭރިއަންޓަށް ވެދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

އިނގިރޭސިވިލާތުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހަފްތާގައި ހުރީ ކުރީ ހަފްތާއަށްވުރެ %6 މަތީގައެވެ.

ވައިރަސް އަށް ބަދަލުތައް އައުމަކީ އަބަދުވެސް ހިނގަމުންދާ ކަމެކެވެ. ސައިންސްވެރިންގެ މެދުގައި އެންމެ ބޮޑު ކަންބޮޑުމެއް އޮތީ ވައިރަސްއަށް ބަދަލުތަކެއް އައިސް މިހާރު ހުރި ވެކްސިނަށް ނުގުޑާފަދަ ވޭރިއަންޓަކަށް އަލަށް ފެތުރޭ ވޭރިއަންޓް ވުމެވެ. ނަމަވެސް އަދި މިވޭރިއަންޓަކީ ވެކްސިނަށް ނުގުޑާ ވޭރިއަންޓެއް ކަމަށް ލަފައެއް ނުކުރެވެއެވެ.

މިހާރު އިނގިރޭސިވިލާތުން ފެނިގެން އުޅޭ ޑެލްޓާ ޕްލަސް ވޭރިއަންޓް އެމެރިކާ އާއި ޑެންމާކުން ވެސް މިހާރު ވަނީ ފެނިފައެވެ. ނަމަވެސް އެއިން އެއްވެސް ގައުމެއްގައި އަދި މިވޭރިއަންޓް މާފަސޭހައިން ފެތުރޭކަން ލަފާކުރެވިފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އެޖެންސީގެ ޗީފް އެގްޒެކެޓިވް ޑރ.ޖެނީ ހެރިސް ވިދާޅުވީ އަލަށް ފެނިގެން އުޅޭ ވޭރިއަންޓާއި ގުޅޭ ގޮތުން ވެސް އާއްމުންނަށް ދޭނެ އާނަސޭހަތެއް ނެތް ކަމަށެވެ. "ބުނަން އޮތް އެއްޗަކީ ޑޮކްޓަރުން ދެމުން ގެންދާ ލަފާތަކަށް ބޯލަނބާށޭ. އަވަހަށް ވެކްސިން ފުރިހަމަ ކުރާށޭ. ވެކްސިންގެ ބޫސްޓާޝޮޓް ޖަހަން ޖެހޭ މީހުން ބޫސްޓަރޝޮޓް ފުރިހަމަ ކުރާށޭ." ޑރ.ހެރިސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަދީމާ

    ޑެލްޑާ ޕުލަަސް އަށް ފަހު ދެން އޮންނާނީ ޑެލްޓާ ސުކުއެޔާޑު ދޯ.. ދެން އެޔައް ފަހު ޑެލްޓާ ކިޔުބު.. ދެން ޑެލްޓާ ސުކުއެޔާ ރޫޓު.