އިނގިރޭސިވިލާތުގައި އެންމެ މަޝްހޫރު ފަސް ނަމުގެ ތެރޭގައި ’މުހައްމަދު‘، މި ނަން ހިމެނޭކަމަށް އެގައުމުގެ އޮފީސް ފޯރ ނެޝަނަލް ސްޓެޓިސްޓިކްސް (އޭއެންއެސް) އިން ހާމަކޮށްފިއެވެ.

2020 ވަނަ އަހަރު އިނގިރޭސިވިލާތުގައި އާއި ވެލްސްގައި ވިހި ކުދިންނަށް އެންމެ ގިނައިން ދީފައިވާ ނަންތަނުގެ ތެރޭގައި މުހައްމަދު، މި ނަން ހިމެނޭކަމަށް އޭއެންއެސް ގެ ތަފާސް ހިސާބުތައް ދައްކައެވެ.

ޔޫކްޝާ އަދި ހަމްބާގައިވެސް އެންމެ ގިނައިން ބޭނުންކުރާ ނަމަށް މި ނަން ވެފައިވާއިރު މި ނަން ބޭނުންކުރާ އާބާދީތައް އެންމެ ގިނައީ އޭޝިޔާ ސަރަހައްދުތަކުން އިނގިރޭސިވިލާތަށް ގޮސް ވަޒަންވެރިވެގެންއުޅޭ ފަރާތްތައްކަންވެސް ފާހަގަ ކުރެވެއެވެ.

ގިނަ އާއިލާތަކުން އަލަށް އުފަންވާ ކުދިންނަށް ނަން ދިނުމުގައި ބަލަނީ ދުލަށް ފަސޭހަ އަދި ރީތި ނަންނަމަށެވެ. އަދި ރަނގަޅު މާނައެއް އޮންނަ ނަންތައް ދިނުމަށްވެސް ސަމާލުކަންދެއެެވެ.

މުހައްމަދު، މި ނަން ބޭނުންކުރާތާ އެތައް އަހަރެއް ވެފައިވެއެވެ. މިއީ ދުނިޔޭގެ އެންމެ މަގުބޫލު 100 ނަމުގެ ތެރޭގައިވެސް ހިމެނޭ ނަމެކެވެ.

އިންގްލެންޑް އާއި ވެލްސްގައި 3،710 ކުދިންނަށް މުހައްމަދު ކިޔާއިރު 1،615 ކުދިންނަށް މުހަމްމެޑް އަދި 751 ކުދިންނަށް މޮހަމްމަދު ކިޔާފައި ވެއެވެ. މިއީ ހަމައެކަނި ފާއިތުވި އަހަރުގައި ވިހެއި ކުދިންނަށް ކިޔާފައިވާ ނަންނަމެވެ.

މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ނަންފުޅާއި އެއްގޮތަށް ދުނިޔޭގެ އެކި ހިސާބުތަކުގައި އަލަށް ވިހާ ކުދިންނަށް ނަންދެއެވެ.