10 ގައުމެއްގެ ސަފީރު ބޭރު ކުރަން ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން އަމުރު ކުރައްވައިފިއެވެ.

10 ގައުމެއްގެ ސަފީރުން ތުރުކީވިލާތުން ފޮނުވާލުމަށް ނިންމެވިކަން އިއުލާންކުރައްވަމުން އުރުދުގާން ވިދާޅުވީ އެ ގައުމުތަކުގެ ސަފީރުން ބޭރުކުރުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީއަށް އަންގަވާފައި ވާނެކަމަށެވެ.

ރައީސް އުރުދުގާން އެގޮތަށް އެންގެވީ ތުރުކީ ސަރުކާރުގެ ނިންމުމަކާއި ދެކޮޅަށް އެ ގައުމުތަކުން ބަޔާނެއް ނެރުމުންނެވެ. އެ ބަޔާނުގައި ގޮވާލާފައިވަނީ ޖަލަށް ލާފައި ހުރި ތުރުކީގެ ސިވިލް ސޮސައިޓި ލީޑަރު އުސްމާން ކަލަވާ މިނިވަން ކުރުމަށެވެ. އަދި އޭނާ ޖަލުގައި ހުންނަން ޖެހޭ ޖެހުމަކީ އަނދިރި ދުވަސްތަކެއް ދެކެން ޖެހޭނެ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ތުރުކީވިލާތުން ކަވާލާ ހައްޔަރުކޮށްފައި ވަނީ 2017ވަނަ އަހަރުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި 2013ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކުރި މުޒާހަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި 2016ވަނަ އަހަރުގެ ތެރޭގައި ތުރުކީވިލާތަށް ގެންނަން މަސައްކަތްކުރި އަސްކަރީ ބަޣާވާތުގައި ބައިވެރިވުން ފާހަގަ ކޮށްލެވެއެވެ.

ނަމަވެސް އެ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ.

އުރުދުގާން ވިދާޅުވީ އެފަދަ މީހަކަށް ތާއީދުކޮށް ސަފީރުން ބަޔާން ނެރުނު ވަގުތަކީ ތުރުކީވިލާތް ދޫކޮށް ދާން ޖެހޭ ވަގުތު ކަމަށެވެ. ސަބަބަކީ، ތުރުކީގައި ސަފީރުންގެ ގޮތުގައި ތިބެވޭނީ އެ ގައުމު ދަންނަ ސަރުކާރުގެ ނިންމުންތަކަށް އިހުތިރާމް ކުރާ މީހުންނަށް ކަމަށް އުރުދުގާން ވިދާޅުވިއެވެ.

ފަރަންސޭސިވިލާތަށް އުފަން ކަވާލާ މިނިވަންކުރުމަށް ގޮވާލާފައިވަނީ އެމެރިކާ، ފްރާންސް، ޖަރުމަނުވިލާތް، ކެނެޑާ، ފިންލޭންޑް، ޑެންމާކް، ނެދަލޭންޑް، ނިއުޒިލޭންޑް އަދި ސްވެޑެން އާއި ނޯވޭގެ ސަފީރުންނެވެ. އެ ސަފީރުން ފޮނުވާލަން ނިންމަވާފައިވާ ތާރީހެއް އުރުދުގާން ހާމަކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ދާމޫ

  ފަހަތައް ނުޖެހި ބާރައް ކުރިޔަށް!

  24
  2
 2. ތަކުރާ

  ރަގަޅު ނިންމުމެއް..ގައުމުގައި ތިބެ ވަކި ބަޔަކަށް ތާއީދުކޮށް ހަންފަތުރަން މަސައްކަތް ކުރަނީނަމަ ހަދަންވާ ގޮތަށް ތިހަދަނީ...ތީ ލީޑަރުންނަކީ..

  20
  1