ސައުދީ އަރަބިއްޔާގައި އެންމެ ފަހުން ރަސްކަން ކުރެއްވި އަބްދުﷲ ބިން އަބްދުލްއަޒީޒް އަލްސައުދު އަވަހާރަކޮށްލަން އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ އަދި މިހާރު ސައުދީ އަރަބިއްޔާގެ ތަހްތާއި އެންމެ ކައިރީގައި ހުންނެވި ވަލީއަހްދު މުހައްމަދު ބިން ސަލްމާން ރާއްވަވާ، މަޝްވަރާތައް ކުރެއްވެވި ކަމަށް ސައުދީ އަރަބިއްޔާގެ އިންޓެލިޖެންސްގައި ކުރިން މަސައްކަތް ކުރި މީހަކު ބުނެފިއެވެ.

ސައުދީ އަރަބިއްޔާގެ އިންޓެލިޖެންސްގެ އިސް މަގާމުތަކެއް ފުރުމަށްފަހު މިހާރު ކެނެޑާގައި ދިރިއުޅޭ ސާދު އަލްޖަބްރީ އެމެރިކާގެ "ސީބީއެސް" އަށް ދިން އިންޓަވިއުއެއްގައި ވަނީ އަލީއަހްދު މުހައްމަދުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އޭގެތެރެއިން އެތުހުމަކީ ކުރީގެ ރަސްގެފާން އަބްދުﷲ އަވަހާރަކޮށްލަން ރޭވި ރޭވުމެވެ.

ސާދު ބުނާ ގޮތުގައި 2014 ވަނަ އަހަރު ރަސްގެފާން އަބްދުﷲ އަވަހާރަކޮށްލަން ރަޝިއާ އިން ވިހައެއް ހޯދާފައިވާ ކަމަށް ވަލީއަހްދު މުހައްމަދު ދެންނެވީ ޝާހީ އާއިލާގެ މެންބަރެއް ކަމަށްވާ މުހައްމަދު ބިން ނާއިފް އަލް ސައުދު އަރިހުގައެވެ. "ވަލީއަހްދު މުހައްމަދު ނާއިފް އަރިހު ދެންނެވި ބޭނުންވަނީ ރަސްގެފާން އަވަހާރަކޮށްލާށޭ. ވިހައެއް ހުރި އަނގޮޓިއެއް އަހަރެންނަށް ރަޝިއާ އިން ގެނެވިދާނެ ކަމަށް ވެސް ދެންނެވި." ސާދު ބުންޏެވެ.

މުހައްމަދު ބިން ނާއިފަކީ މިހާރުގެ ރަސްގެފާން ސަލްމާން ބިން އަބްްދުލްއަޒީޒް އަލް ސައުދު ރަސްކަމަށް ވަޑައިގެންނެވުމަށް ފަހު ފުރަތަމަ އައްޔަން ކުރެއްވި ވަލީއަހްދެވެ. އޭނާ ވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް އިން ފެށިގެން 2017 ވަނަ އަހަރުގެ ޖޫން އަށް ވަލީއަހްދުގެ މަގާމު އަދާކުރައްވާފައެވެ.

ރަސްގެފާން އަބްދުﷲ ރަސްކަމަށް ވަޑައިގެންނެވުމަށް ފަހު ނާއިފް އާއި އަދި ވަލީއަހްދު މުހައްމަދު ވެސް ވެރިކަމުގެ ކޮއިލުގެ ތެރެއިން ދުރުކުރިއެވެ. ނާއިފަށް ވެސް ސަރުކާރުގެ އިސް ރަސްމީ މަގާމެއް ނުދެއްވައެވެ. އެހެންވެ ރަސްގެފާން އަބްދުﷲގެ ވެރިކަމުގައި އާއިލާ ކޯޅުންތައް ވަރަށް ބޮޑުވެފައި އޮތް ކަމަށް ވެއެވެ.

ރަސްގެފާން އަބްދުﷲ އަވަހާރަވީ 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އެމަނިކުފާނު އަވަހާރަވީ އުމުރުން ދުވަސްވުމުން ދިމާވި ސިއްހީ މައްސަލަތަކުގެ ސަބަބުންނެވެ.

ކުރީގެ ރަސްގެފާން އަވަހާރަކޮށްލަން ވަލީއަހްދު މުހައްމަދު މަސައްކަތް ކުރިކަމަށް މީހަކު ބުނި ނަމަވެސް އެކަމަށް ބާރުލިބޭ އިތުރު އެއްވެސް ހެއްކެއް އޭނާ ނުދައްކައެވެ. މުހައްމަދަކީ ވަރަށް ބޮޑު އަނިޔާވެރިއެއްގެ ގޮތުގައި ހުޅަނގުގެ މީޑިއާ އިން މީގެ ކުރިން ވެސް ފާހަގަ ކޮށްފައި ވެއެވެ. އޭނާގެ މައްޗަށް މީޑިއާތަކުން ބޮޑެތި ތުހުމަތުތަކެއް ކުރިނަމަވެސް އެތުހުމަތުތައް އޭނާ ދޮގު ކުރައްވައެވެ.