އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ކަންޕޫރު އިން ވެސް ޒިކާ ވައިރަސް ފެނިއްޖެއެވެ. އިންޑިއާގެ ކެރެލާ އާއި މަހާރާޝްތުރަ އިން ވެސް މީގެ ކުރިން ވަނީ ޒިކާ ވައިރަސް ފެނިފައެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ކަންޕޫރު އިން ޒިކާ ވައިރަސް ޖެހުނު މީހަކީ އިންޑިއާގެ ވައިގެ ސިފައިންގެ ފައުޖުގައި މަސައްކަތް ކުރާ ސިފައިންގެ މީހެކެވެ.

ޕޫނާ އަށް އޭނާގެ ސުންކު ފޮނުވައިގެން ކުރި ޓެސްޓްތަކުން އޭނާ ޒިކާ ވައިރަސް އަށް ފައްސިވުމުން މިހާރު ފިޔަވަޅުތައް އަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކަންޕޫރު ޗީފް އޮފިސަރ ނެޕާލް ސިންހް ވިދާޅުވީ ޒިކާ ވައިރަސް އަށް މީހަކު ފައްސިވުމުން އޭނާ އާއި ގާތުން ބައްދަލުވި 200 މީހަކު އެކަހެރިކޮށް އެމީހުންގެ ހާލަތު ބެލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ޒިކާ ވައިރަސް އަކީ އީޑީސް މަދިރީގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިބަލި ފުރަތަމަ އިންސާނުންނަށް ޖެހުނު ކަމަށް ރެކޯޑް ކުރެވިފައި ވަނީ 1952 ވަނަ އަހަރު ޔޫގެންޑާ އާއި ޓެންޒޭނިއާގައެވެ.

ޒިކާ ވައިރަސް ޖެހުމުން ކޮންމެވެސް ވަރަކަށް ގައި ހިރުވުމާއި، ހުޅުހުޅާއި ގައިގައި ރިއްސުމާއި ބޮލުގައި ރިއްސުމާއި ލޮލިގެ ކުލަ ބަދަލުވުން ފަދަ ކަންކަން ދިމާވެއެވެ. އަލާމާތްތައް ފެންނަނީ އާއްމުކޮށް ހައެއްކަ ދުވަސް ވަންދެންނެވެ.

ޒިކާ ވައިރަސް ޖެހުމުން އެންމެ ބޮޑު ނުރައްކަލެއް އޮންނަނީ މާބަނޑު މީހުންނަށެވެ. މާބަނޑު މީހުންނަށް މިވައިރަސް ޖެހުމުން ބަނޑުގައި އޮންނަ ދަރިފުޅުގެ ހެދިބޮޑުވުމަށް އަސަރުކޮށް ބައެއް ފަހަރު ކުދިން ނުކުޅުދޭ ކުދިންނަށް ވެސް ވެއެވެ.