ސޫދާން ސިފައިން ރޭ ފަތިހުން ފެށިގެން އެ ގައުމުގެ ވެރިރަށުގެ ކޮންޓްރޯލް ނަގައި އެ ގައުމުގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް ހައްޔަރުކޮށް ގޭ ބަންދު ކޮށްފި އެވެ.

ނަމަވެސް އަދި ސޫދާންގެ ސިފައިން ބަޣާވާތަކުން ވެރިކަމަށް އައީކަން ނުވަތަ ނޫންކަން ސިފައިން އިއުލާނެއް ނުކުރެއެވެ.

ސޫދާންގެ އަލް ހަދަސް ޓީވީން ބުނި ގޮތުގައި ފަތިހު ގިނަ އަދަދެއްގެ ސިފައިން، ބޮޑުވަޒީރުގެ ގެ ކައިރި އަށް ގޮސް، އެ ސަރަހައްދު ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެ ގެއަށް އެއްވެސް މީހަކު ވަނުން ސިފައިން ވަނީ މަނާކޮށްފަ އެވެ.

ސޫދާނުގައި މަދަނީ ވެރިކަމެއް ގާއިމުކުރުމުގެ މައްސަލައިގައި، ސިޔާސީ ފަރާތްތަކާއި އަސްކަރިއްޔާގެ އިސް ވެރިންނާއި ދެމެދު ހިޔާލު ތަފާތުވުން އުފެދިފައި އޮންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެ ގައުމުގެ ސިފައިން ފަތިހުން ފެށިގެން ވެރިރަށް ޚުރުތޫމްގެ މަގުތަކަށް ނުކުމެ، ސިޔާސީ ބައެއް އިސް ފަރާތްތައް ވަނީ ހައްޔަރުކޮށްފަ އެވެ.

ބައެއް ރިޕޯޓްތައް ސިފައިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ސިނާއީ އުފެއްދުންތެރިކަމާ ބެހޭ ވަޒީރު އިބްރާހީމް އައްޝައިޚް އާއި ވެރިރަށް ޚުރުތޫމްގެ ގަވަރުނަރު އައިމަން ނަމްރު ހިމެނެ އެވެ. މީގެ އިތުރުން ސޫދާންގެ ވެރިކަން ކުރަމުން އަންނަ ސަވަރިން ކައުންސިލްގެ ތަރުޖަމާން މުހައްމަދު އަލް-ފިކުރީ ސުލައިމާން ވެސް ވަނީ ހައްޔަރުކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވަޒީރު އިބްރާހީމް އައްޝައިޚް އާއި ވެރިރަށް ޚުރުތޫމްގެ ގަވަރުނަރު އައިމަން ނަމްރު އާއިލާ އިން މައުލޫމާތު ދިން ގޮތުގައި އެދެބޭފުޅުން ހައްޔަރު ކުރީ، އެ ދެބޭފުޅުން ގޭގައި އުޅުއްވަނިކޮށް، ކުއްލިއަކަށް ގެއަށް ވަދެގަތް ސިފައިންގެ ބައެކެވެ.

މިހާރު އެކުލަވާލާފައިވާ ވެރިކަން ހިންގާ މަޖިލީހުގެ ފަރާތުން ކަނޑައަޅާފައި ހުރި ބޮޑުވަޒީރު އަބްދުﷲ ހަމްދޫކުގެ ހާއްސަ މުޝީރު ފައިސަލް މުހައްމަދު ސާލިހް ވެސް، ސިފައިން އައިސް ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވެރިރަށް ޚުރުތޫމްގައި ހުންނަ އަލްޖަޒީރާގެ ނޫސްވެރިޔާ ބުނި ގޮތުގައި ވެރިރަށުން މިހާރު ވަނީ އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލައިފަ އެވެ. އަދި ބްރިޖްތަކާއި ބިންގަރާސް މަގުތައް ވެސް މިހާރު ވަނީ ސިފައިންގެ ބެލުމުގެ ދަށުން ބަންދުކޮށްފަ އެވެ. އަދި ފޯނުގެ ހިދުމަތަށް ވެސް ކޮންމެވެސް ވަރަކަށް ބުރޫއަރާފައިވާ ކަމަށްވެ އެވެ.

މިދިޔަ މަހު ވެސް ސޫދާނަށް ބަޣާވާތެއް ގެންނަން ސިފައިން މަސައްކަތް ކުރިއެވެ. ނަމަވެސް ބަޣާވާތް ވަނީ ނާކާމިޔާބު ވެފައެވެ.

2019 ވަނަ އަހަރު ސޫދާންގެ އޭރުގެ ރައީސް ބަޝީރު މަގާމުން ދުރުކުރަން އެގައުމުގެ ރައްޔިތުން ނިކުތް ހިސާބުން އަދިވެސް އެގައުމަށް ސިޔާސީ ހަމަޖެހުން އައިސްފައެއް ނުވެއެވެ. ބަޝީރު މަގާމުން ދުރުކުރުމަށް ފަހު ސަރުކާރު ހިންގުމާއި ހަވާލުވި ފަރާތްތަކާއި ސިފައިން އެއްބަސްވެފައި ވަނީ 2023 ވަނަ އަހަރު އެގައުމުގައި މަދަނީ ސަރުކާރެއް އެކުލަވާލާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    ސިފައިން ނިކުމެ ބޮޑުވަޒިރު ހައްޔަރު ކުރަންޖެހޭ ހާލަތަކަށް ގައުމު ގޮއްސިނަމަ އެކަންވެސް ކުރަންޖެހޭނެ. ސިފައިން ތިބެނީ ގައުމު އަނދަވަޅުތަކުން ސަލާމަތް ކުރަން ހުވާ ކުރައްވައިގެން.