ސޫދާންގައި ބަޣާވާތް ކުރި ސިފައިން ނުކުމެ ދައުލަތުގެ މީޑިއާގެ ނޫސްވެރިންގެ ހައްޔަރުކޮށްފައިވާކަމަށް އެ ގައުމުގެ އިންފޮމޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ ސިފައިން ދަައުލަތުގެ ޓީވީ އާއި ރޭޑިއޯ ހިންގާ އިމާރާތް ވަށާލައި، ގިނަ އަދަދެއްގެ ނޫސްވެރިންނާއި މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިންފޮމޭޝަން މިނިސްޓްރީން ވަނީ އާއްމުން ނުކުމެ ސިފައިން ހުއްޓުވަން ގޮވާލާފައެވެ. އަދބަޣާވާތް ނާކާމިޔާބު ކޮށްލެވެން ދެން ރައްޔިތުން ނުކުމެ މުޒަހާރާ ކުރުމަށް ގޮވާލާފައި ވެއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، ސޫދާންގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ ދަނީ ބަޣާވާތާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

އަދި ސިފައިން އާއްމުންނަށް ކުރިމަތިލާން ގިނަ ބަޔަކަށް އަނިޔާ ކުރަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ސިފައިންގެ ބަޣާވާތަށްފަހު އެ ގައުމުގެ އިންޓަނޭޓްގެ ހިދުމަތް މެދުކަނޑާލާފައި ވާތީ މިހަރު ހިނގަމުންދާ ކަންތަައްތަކުގެ މާބޮޑު ތަފްސީލެއް ނުލިބެއެވެ.