ސޫދާނުގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް މިނިވަން ކުރުމަށް ފްރާންސުގެ ރައީސް އެމަނުއެލް މެކްރޮން މިއަދު ގޮވާލައްވައިފިއެވެ.

މެކްރޮން މިފަދައިން ގޮވާލައްވާފައިވަނީ ސޫދާން ސިފައިން ރޭ ފަތިހުން ފެށިގެން އެ ގައުމުގެ ވެރިރަށުގެ ކޮންޓްރޯލް ނަގައި އެ ގައުމުގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް ހައްޔަރުކޮށްފައި ވަނިކޮށެވެ.

މިހާރުން މިހާރަށް ހައްޔަރުކޮށްފައިތިބި ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް ގޮވާލައި، މެކްރޮން ވަނީ ސޫދާނުގައި އެގައުމުގެ ސިފައިން ހިނގަމުންދާ ބަޣާވާތް ކުށްވެރި ކުރައްވާފައެވެ.

މީގެ އިތުރުން މެކްރޮން ވިދާޅުވީ ބޮޑުވަޒީރާއި ދެންވެސް ހައްޔަރުކޮށްފައިތިބި އެގައުމުގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތައް މިނިވަންކުރަން ޖެހޭ ކަމަށެެވެ.

ސޫދާނުގައި މަދަނީ ވެރިކަމެއް ގާއިމުކުރުމުގެ މައްސަލައިގައި، ސިޔާސީ ފަރާތްތަކާއި އަސްކަރިއްޔާގެ އިސް ވެރިންނާއި ދެމެދު ހިޔާލު ތަފާތުވުން އުފެދިފައި އޮންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެ ގައުމުގެ ސިފައިން ފަތިހުން ފެށިގެން ވެރިރަށް ޚުރުތޫމްގެ މަގުތަކަށް ނުކުމެ، ސިޔާސީ ބައެއް އިސް ފަރާތްތައް ވަނީ ހައްޔަރުކޮށްފައިވެއެވެ. މެކްރޮން ވިދާޅުވީ ބޮޑުވަޒީރާއި ދެންވެސް ހައްޔަރުކޮށްފައިތިބި އެގައުމުގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތައް މިނިވަންކުރަން ޖެހޭ ކަމަށެެވެ.

ސިފައިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ސިނާއީ އުފެއްދުންތެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް އައްޝައިޚް އާއި ވެރިރަށް ޚުރުތޫމްގެ ގަވަރުނަރު އައިމަން ނަމްރު ހިމެނެއެވެ. މީގެ އިތުރުން ސޫދާންގެ ވެރިކަން ކުރަމުން އަންނަ ސަވަރިން ކައުންސިލްގެ ތަރުޖަމާން މުހައްމަދު އަލް-ފިކުރީ ސުލައިމާން ވެސް ވަނީ ހައްޔަރުކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، ސޫދާންގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ ދަނީ ބަޣާވާތާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި ސިފައިން އާއްމުންނަށް ކުރިމަތިލާން ގިނަ ބަޔަކަށް އަނިޔާ ކުރަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ މަހު ވެސް ސޫދާނަށް ބަޣާވާތެއް ގެންނަން ސިފައިން މަސައްކަތް ކުރިއެވެ. ނަމަވެސް ބަޣާވާތް ވަނީ ނާކާމިޔާބު ވެފައެވެ.