އަފްޣށާނިސްތާނަށް ދިމާވެފައި ބަނޑުހައިހޫނުކަމާއި ވަޒީފާ ނުލިބުމުގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ ޕްރޮގްރާމެއް ތާލިބާން ސަރުކާރުން ފަށައިފިއެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އިއްޔެ ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ތާލިބާނުންގެ އިސް ތަރުޖަމާނު ޒަބިހުﷲ މުޖާހިދު ވިދާޅުވީ އެގައުމުގެ ހުރިހާ ބޮޑެތި ސިޓީތަކާއި އަވަށްތަކުގައި ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމުގެ ދަށުން ކާބުލްގައި އެކަނިވެސް 40،000 ފިރިހެނުންނަށް މަސައްކަތް ހަމަޖެހޭނެ ކަމަށެވެ.

"މިއީ ވަޒީފާނުލިބުމުގެ މައްސަލަ ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް. މި ފިޔަވަޅާއެކު މަސައްކަތްތެރިންގެ ފުރިހަމަ މަސައްކަތް ދައްކަން ވާނެ" ޒަބިހުﷲ މުޖާހިދު ވިދާޅުވިއެވެ.

މިހާރުވެސް ވަޒީފާއެއް ނެތިފައިތިބި މީހުންނަށާއި، ކެއިންބުއިމުގެ ކަންކަން ހަމަޖެހޭނެ ގޮތެއް ނެތް ފަރާތްތަކަށް އަމާޒުކޮށްގެން ތާލިބާން ސަރުކާރުން ކުރިޔަށް ގެންދަން ނިންމާފައިވާ މި ޕްރޮގްރާމުގައި މަސައްކަތްތެރިންނަށް އުޖޫރައިގެ ގޮތުގައި ފައިސާއެއް ނުދޭނެއެވެ. "މަސައްކަތް ކުރުމުން ކާތަކެތި ލިބޭ ސްކީމް" ގައި ވަޒީފާއަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދޭން ނިންމާފައިވަނީ ކާބޯތަކެއްޗެެވެ.

ފަގީރުކަމާއި، ވާރޭނުވެހި ގިނަ ދުވަސްވުމާއި، ކަރަންޓު ކެނޑުމާއި ފެއިލްވެފައިވާ އިގްތިސާދީ ނިޒާމަކާ ކުރިމަތިވެފައިވާ އަފްގާނިސްތާނުގެ ފިނި މޫސުން ވަރަށް އަވަހަށް ފަށާނެއެެވެ. ތާލިބާން ސަރުކާރުން މި ސްކީމް ފަށާފައިވަނީ ފިނި މޫސުމުގައި އަފްޣާނިސްތާނުގެ ގިނަ ބަޔަކު ބަނޑަށް ޖެހިދާނެ ކަމަށް އދއިން ލަފާކޮށް އިންޒާރު ދީފައިވަނިކޮށެވެ.

އަދި ތާލިބާނުން އެގައުމުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް އުޖޫރަނުދޭތީ ޓީޗަރުން ހިމެނޭހެން ގިނަ އިދާރާތަކެއްގެ މުވައްޒަފުން ނުކުމެ މުޒާހަރާ ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ދެ މަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން ކާބުލްގައި 11،600 ޓަނުގެ ގޮދަން ބަހާނެ އެވެ. އެހެން ހިސާބުތަކުގައި ބަހާނީ 55،000 ޓަނުގެ ގޮދަނެވެ. ކާބުލްގައި ކުރަން ޖެހޭނެ މަސައްކަތްތަކުގެ ތެރޭގައި ފެން ވަޅުތައް ކޮނުމާއި، ފިނި މޫސުމަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ހިމެނެއެވެ.