ސިއެނާ އިންޓަނެޝަނަލް އެވާޑްސްގެ 2021 ވަނަ އަހަރުގެ އެންމެ މޮޅު ފޮޓޯގެ އެވާޑް ތުރުކީގެ ފޮޓޯގުރާފަރެއް ނަގާފައިވާ ސީރިޔާގެ މީހަކު އޭނާގެ ދަރިފުޅު އުރާލާ ފޮޓޯއަށް ލިބިއްޖެއެވެ.

އަސާގަނޑެއްގެ އެހީގައި އެއްފައި މައްޗަށް ކޮޅަށް ހުރި ސީރިޔާގެ ރައްޔިތެއް އޭނާގެ ނުކުޅެދޭ ދަރިފުޅު އުރާލައިގެން ހުންނަ މި ފޮޓޯ ނަގާފައިވަނީ ތުރުކީގެ ފޮޓޯގުރާފަރެއް ކަމަށްވާ މެހެމަތު އަސްލަންއެވެ.

ސީރިއާގެ ބޯޑަރު ކައިރި ސަރަހައްދެއް ނަގާފައިވާ މި ފޮޓޯއަށް ދީފައިވާ ނަމަކީ ''ދިރިއުޅުމުގެ ދަތިތައް'' އެވެ.

މި ފޮޓޯއިން ފެންނަ ބައްޕައަކީ އެއްފައި ނެތް މީހެކެވެ. އަދި ދަރިފުޅަކީ ދެފައި ވެސް ނެތް ކުއްޖެކެވެ. ނަމަވެސް ދެމީހުންގެ މޫނުމަތިން ވެސް ފެންނަނީ ހިނިތުންވުމެވެ. ދިރިއުޅުން އުދަނގޫ ނަމަވެސް ހިނިތުންވުމާއި އެކު ކުރިއަށްދާކަން މި ފޮޓޯއިން ދައްކުވައިދީފައިވެއެވެ.

މި އެވާޑު ހަފުލާގެ ޖަޖެއް ކަމަށްވާ ޖަޕާނުގެ ފޮޓޯގުރަފީ ފޮރ ނިއުސްވީކްގެ ޑައިރެކްޓަރ ކޮޓައުކަ ހިޑެކޯ ބުނެފައިވަނީ އެއް ފައި މައްޗަށް ކޮޅަށް ހުންނަން ޖެހުނު ނަމަވެސް ބައްޕައާއި ދަރިފުޅުގެ މޫނުމަތިން އެ ފެންނަ ހިނިތުންވުމަކީ އަގުބޮޑު ހިނިތުންވުމެއް ކަމަށެވެ.

މުޅި ދުނިޔެއަށް ހުޅުވާލައިގެން ބޭއްވި އެވާޑު ހަފުލާގައި ފޮޓޯގުރަފީ ވަނީ 12 ބަޔަކަށް ބަހައިލާފައެވެ.

މެހެމަތު އަސްލަމުގެ މި ފޮޓޯމި އެވާޑު ހަފުލާގައި ޖުމުލަކޮށް ހުރިހާ ކެޓަގަރީއަކަށް ބަލާއިރު ވެސް އެންމެ މޮޅު، ގިނަ ބަޔަކަށް އެންމެ ކަމުދިޔަ ފޮޓޯ ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.

މި ފޮޓޯ މިހާރު ދަނީ މީސް މީޑިޔާގައި ހަލުވިކަމާއި އެކު ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިކަމެތި އަޅާ

    ތި ފޮޓޯ ފެނުނީމަ ހިތަށް ހާދަ އަސަރެއް ކުރެޔޭ....

    17
  2. ވާނުވާ

    ތި ފޮޓޯއިން ތި ފެންނަނީ ހަރުކަށި ފިކުރުގެ ދެ ޓެރެރިސްޓުން. ޢެމީހުންގެ ބޮލަށް ބޮން އަޅާ ތި ދެމީހުންނަކީ ނުކުޅެދޭ މީހުންނަށް ހެދީ މަޑު ކަށި ފިކުރުގެ ސުލްހައަށް ލޯބި ކުރާ ބޮޑު ދައްޖާލު އެމެރިކާ އާއި އެމީހުންގެ ވާގިވެރިން