އިރާގުގެ އިރުމަތީ ދިޔާލާ ޕްރޮވިންސްގެ ވިލެޖަކަށް އައިއެސް އިން ދިން ހަމަލާއެއްގައި 11 މީހުން މަރުވެ އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ބުނެފިއެވެ.

އޮޕަރޭޝަންސް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަންގާރަ ދުވަހު ދިން ހަމަލާ އަމާޒުކޮށްފައިވަނީ މުޤްދާދިއްޔާ ނަމަކަށް ކިޔާ އަވަށެއްގެ ކައިރީގައި އޮންނަ އަލް-ހަވާޝާގައި ހަތިޔާރު ނެތް އާންމު ރައްޔިތުންނަށް ކަމަށެވެ.

މި ހަމަލާއާ ގުޅިގެން ފުލުހުން ވިދާޅުވީ ހަމަލާ ދީފައިވާ ފަރާތުން ގިނަ އަދަދެއްގެ އުޅަނދުތަކާއި، ސެމީ އޮޓޮމެޓިކް ބަޑި ބޭނުން ކޮށްފައިވާ ކަމަށެވެ.

ދެ އޮފިޝަލަކާއި ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އެޖެންސީއިން ބުނީ އައިއެސްއައިއެސްގެ ހަނގުރާމަވެރިން މީގެ ކުރިން އެމީހުންގެ އެދުންތައް ފުރިހަމަ ނުވުމުން ދެ ގަބީލާއެއްގެ މީހުން ވަގަށް ނަގާފައިވާ ކަމަށެވެ.

އިރާގުގެ ރައީސް ބަރްހަމް ސާލިހް ކުރެއްވި ޓުވީޓެއްގައި ވަނީ މި ހަމަލާ ކުށްވެރި ކުރައްވައި އެއީ އިރާގު "ނުތަނަވަސް ކޮށްލުމަށް" ދިން ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް ވިދާޅުވެފައެވެ. ބަރްހަމް ވިދާޅުވީ އައިއެސްގެ ނުރައްކާތަކުން ސަލާމަތްވުމަށް އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރަންޖެހޭ ކަމަށެވެ.

2017 ވަނަ އަހަރު އައިއެސް އިން އިރާގުގެ ގިނަ ސަރަހައްދުތަކެއްގައި ސްލީޕާ ސެލްތަކުގެ މެދުވެރިކޮށް ހަރަކާތްތެރިވެފައިވީ ނަމަވެސް، އިރާގުގައި އާންމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ ވަރަށް މަދުވެފައެވެ.

މިއަހަރުގެ ކުރީކޮޅު އދ. އިން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، އިރާގާއި ސީރިޔާގެ އެކި ކަންކޮޅުތަކުގައި އައިއެސްގެ 10،000 އެއްހާ ހަނގުރާމަވެރިން އަދިވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އެ ހަނގުރާމަވެރިންގެ އޮޕަރޭޝަންތައް ހިންގަމުންދަނީ ސަލާމަތީ ބާރުތަކަށާއި، އިންޖީނުގެތަކަށާއި، އެހެނިހެން އިންފްރާސްޓްރަކްޗަރތަކަށް އަމާޒުކޮށްގެން ކަމަށް ބުނެފައިވެއެވެ.