ކީރިތި ރަސޫލާގެ ނަންފުޅު ޕޭމްޕާސް ނެޕީތަކުގައި ޑިޒައިން ކުރެވިފައިވާ ބުޅަލެއްގެ މޫނުން ރަމްޒުކޮށްދޭތީވެ އިންޑިޔާގެ ބައެއް މުސްލިމް ޖަމާއަތްތަކުން ޕޭމްޕާސް ބްރޭންޑްގެ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލަން ގޮވާލައި އެ ބްރޭންޑްގެ ނެޕީތައް އަންދަން ފަށައިފިއެވެ.

އިންޑިޔާގެ އެތައް ހާސް މުސްލިމުންނެއް ވަނީ ޕޭމްޕާސް ބްރޭންޑާއި ދެކޮޅަށް އަޑުއުފުލައި އެ ބްރޭންޑްގެ އުފެއްދުން ބޮއިކޮޓްކުރުމަށް އެހެން ފަރާތްތަކަށްވެސް ގޮވާލައިފައެވެ. މި ފަރާތްތަކުން ބުނާގޮތުގައި ބުޅަލުގެ މޫނުން ސާފުކޮށް ކީރިތި ރަސޫލާގެ ނަންފުޅު އަރަބި އަދި އުރުދޫ ބަހުން ލިޔެފައިވާތަން ހަމަލޮލަށްވެސް ފެނިގެންދެއެވެ.

ރަސޫލާގެ ނަންފުޅު ފެންނަ ކަމަށް ބުނާ ނެޕީ އިން ނަގާފައިވާ ފޮޓޯއެއް
ރަސޫލާގެ ނަންފުޅު ފެންނަ ކަމަށް ބުނާ ނެޕީ އިން ނަގާފައިވާ ފޮޓޯއެއް

ޕޭމްޕާސްގެ ނެޕީތަކުގައި ދައްކުވައިދޭ ބުޅަލެއްގެ މޫނުގެ ކާޓޫނުން ކީރިތި ރަސޫލާގެ ނަންފުޅު ސިފަކޮށްދޭކަމަށް މިކަމާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން ބުނަމުންދާއިރު ޕޭމްޕާސް ނެޕީ އުފައްދާ ކުންފުނި ޕްރޮކްޓާރ އެންޑް ގޭމްބަލް އިން ވަނީ މިއީ ހަމައެކަނި ކުރަހާފައިވާ މައުސޫމް ބުޅަލެއްގެ ޑިޒައިނެއްކަމަށް ބުނެފައެވެ. ޕްރޮކްޓާރ އެންޑް ގޭމްބަލް އިން ވަނީ މީގެ އިތުރުންވެސް އެ ކުންފުނީގެ އެއްވެސް އުފެއްދުމަކުން އެއްވެސް ދީނަކަށް އަދި ނަސްލަކަށް ފުރައްސާރަވިޔަދިނުމަށް ގަސްދުނުކުރާކަމަށް ވެސް ބުނެފައެވެ.

އެހެންނަމަވެސް މުސްލިމް ބޮޑު އާބާދީއެއް އޮންނަ އިންޑިޔާގެ މުސްލިމް ޖަމާއަތްތަކުގެ ބައެއް ފަރާތްތަކުން ވަނީ ޕޭމްޕާސްގެ މި ޑިޒައިނަކީ އިސްލާމް ދީނަށް ކުރެވޭ ވަރަށް ބޮޑު މަލާމާތެއްކަމަށް ބުނެފައެވެ. މިއާއިއެކު ބައެއް މީހުން ވަނީ ޕޭމްޕާސް އާއި ދެކޮޅަށް މުޒާހަރާކުރަން ނިކުމެ ޕޭމްޕާސް ނެޕީ މަގުމަތީގައި އަންދަންވެސް ފަށައިފައެވެ.

އިންޑިޔާގެ އިސްލާމީ ބައެއް ގުރޫޕުތަކުން ވަނީ ޕޭމްޕާސް ނެޕީ ޑިޒައިންގެ މި މައްސަލަ ފުލުހުންނަށްވެސް ހުށަހަޅާފައެވެ. މައްސަލަ ހުށަހެޅި ފަރާތްތަކުން ވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށާއި އަދި މި އުފެއްދުންތައް ވިއްކުން ވަގުތުން ވަގުތަށް ހުއްޓާލައި މިކަމަށް ޒިންމާވާ މީހުން ހޯދައި ހައްޔަރުކޮށް އަދަބުދިނުމަށްވެސް ގޮވާލައި ސިޓީއެއް ލިޔެ އާންމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާބަސް

    ތިއީ ވިލާތަކާއި ގަސްތަކުގެ ތެރެއިން ﷲ އާއި މުޙައްމަދު ފެނިގެން ސޯޝަލް މީޑިއާގައި އާންމުކުރާ ކަހަލަ ފޮޓޯއެކެވެ. މިއީ އިސްލާމުންނޭ ކިޔާފައި ދީން ހަލާކުކުރާ ބައެއްގެ ކަންތަކެވެ

  2. މެރީ ބްރައުން

    ވަގުތު ނޫހުގެ ބޭފުޅުން މެރީ ބްރައުންގެ ލޯގޯ އެކޮޅުކޮޅުން ބައިންދާފަ ބަލާލަބަ އޭގަ އިނީ ކީކޭތޯ ލިޔެފަ، ﷲ ގެ އިސްމުފުޅު ފެންނާނެ، އުންމީދު ކުރަން މިކަން ބަލައިދޭނެކަމަށް