މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކާއި، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މައްޗަށް އަލިއަޅުވާލައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ކޮންފަރެންސް އޮފް ޕާޓީސް (ސީއޯޕީ)ގެ 26 ވަނަ ބައްދަލުވުމަށް އިނގިރޭސި ރާނީ އެލިޒަބަތު ވަޑައިނުގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މިފަހަރުގެ ސަމިޓް އޮތީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 12 ނިޔަލަށް ސްކޮޓްލެންޑުގެ ގްލާސްގޯގައެވެ.
ކޮޕް26ގެ ސަމިޓަށް ރާނީ ސްކޮޓްލެންޑަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތެވެ. އެ ދަތުރުފުޅުގައި އެކަމަނާއެކު ޕްރިންސް އޮފް ވޭލްސް، ޑަޗަސް އޮފް ކޯންވޯލް އަދި ޑިއުކް އެންޑް ޑަޗަސް އޮފް ކޭމްބްރިޖް ހިމެނޭ ގޮތަށް ޝާހީ އާއިލާގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތެވެ.
ބީބީސީން ބުނީ ކޮޕް26 ސަމިޓްގައި ރާނީ ބައިވެރިވެވަޑައި ނުވަޑައިގަންނަވާނީ އަރާމުކުރެއްވުމަށް ސިއްހީ ލަފާ ދެއްވުމާއި ގުޅިގެން ކަމަށެވެ.
އެކަމަނާ ނޮދަން އަޔަލެންޑަށް ކުރެއްވަން ތައްޔާރުވަމުން ދިޔަ ދަތުރުފުޅު ކެންސަލް ކުރެއްވުމަށްފަހު ހޮސްޕިޓަލުގައި މެޑިކަލް ޗެކްއަޕްތަކެއް މިދިޔަ ބުދަ ދުވަހު ހައްދަވާފައިވެއެވެ.
އަދި އެކަމަނާގެ ސިއްހީ ހާލުކޮޅާ ގުޅިގެން ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަނީ އޮންލައިންކޮށް ކަމަށް ބީބީސީން ބުނެފައި ވެއެވެ. އެގޮތުން އަންގާރަ ދުވަހު އެކަމަނާ ވިންޑްސަރ ކާސަލްގެ ވީޑިއޯ ލިންކް މެދުވެރިކޮށް އެމްބެސެޑަރުންނާ ބައްދަލުކުރެއްްވި ކަމަށް ބުނެފައިވެއެވެ.
ބަކިންހަމް ޕެލަސް އިން ވިދާޅުވީ ސަމިޓްގެ ރިސެޕްޝަންގައި އެކަމަނާ ބައިވެރިވެވަޑައިނުގަތުމަށް ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ރިކޯޑްކޮށްފައިވާ ވީޑިއޯ މެސެޖެއް މެދުވެރިކޮށް ޑެލިގޭޓުންނަށް އެމަނަކާ ތަގުރީރު ދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ބީބީސީ ބުނެފައިވާގޮތުން އެ ސަމިޓްގައި ބައިވެރިވެވަޑަތުމަށް އެކަަމަނާ ހުންނެވީ ވަރަށް ބޮޑަށް ބޭނުންފުޅުވެފައެވެ. އެއީ ކޮޕް26 ގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ބައިވެރިވާ ގައުމުތަކުން ރަނގަޅު ފިޔަވަޅުތަކެއް އަޅުއްވަން އެކަމަނާވެސް ބޭނުންފުޅުވާތީއެވެ.
އެއްވެސް ބަޔަކަށް ދުނިޔޭގެ މޫސުން ބަދަލެއް ނުކުރެވޭނެ. ރާނީއަށް ވެސް އެކަމެއް ނުކުރެވޭނެ. ތިޔައީ ބޭކާރު ބައްދަލުވުމެއް. ކިތައް އަހަރު ތިބައްދަލުވުން ބާއްވައިފިތަ؟ ވީކަމެއް އެބޮއޮތްތަ؟ ތިޔައީ ކުދި ގައުމުތައް އަޅުވެތިކުރުމަށްޓަކައި ބިރުދައްކަން ކުރާ ކަމެއް.