ބައިނަލްއަޤްވާމީ ނިރުބަވެރިންގެ ޖަމާއަތް(އައިއެސް)އިން އެމެރިކާގެ އަވަށެއް ކަމަށްވާ އުތުރު ވާޖީނިއާގެ މޯލްތަކާއި ޝޮޕިން ސެންޓަރުތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ލޯ އެންފޯސްމަންޓުން ދީފިއެވެ.

މި އިންޒާރާއި ގުޅިގެން އެމެރިކާގެ ސަރަަހައްދަކަށް އައިއެސް ޖަމާއަތުގެ ހަމަލާއެއް އައިސްދާނެ ކަމުގެ ބިރި އޮތުމުން ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފައެވެ.

ފެއާފެކްސް ކައުންޓީގެ ފުލުހުންގެ ވެރިޔާ ކެވިން ޑޭވިސް ހުކުރު ދުވަހުގެ މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ އެ ސަރަހައްދުގެ މޯލްތަކަށާއި ޝޮޕިން ސެންޓަރުތަކުގައި އުޅޭ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުކޮށްފާނެ ކަމުގެެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އައިސިސްއިން އެމީހުންނަށް ލިބުނީ ކޮން ބާވަތެއްގެ އިންޒާރެއްކަމެއް ޑޭވިސް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންގެ ކްރޫޒަރތައް ވޮޝިންޓަން ޑީސީގެ 20 މޭލު ބޭރުގައި އޮންނަ ފެއަރ އޯކްސް މޯލް ވަށައިގެންވާ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ މަންޒަރު ހުކުރު ދުވަހު ފެނިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

"ބައެއް ފަހަރު އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތަކީ މާ ބޮޑު ސްޕެސިފިކޭޝަނެއް ނޫން، އެހެން ނަމަވެސް އެކަން އަޅުގަނޑުމެން ބަލަން ޖެހޭ،" މި އިންޒާރާއި ގުޅިގެން ޑޭވިސް ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ، ބޮޑެތި މަގުތަކާއި، ޓްރާންސިޓް ހަބްތަކާއި، ޝޮޕިންގ ޕްލާޒާތަކާއި، ޝޮޕިންގ މޯލްތައް ހިމެނޭ ގޮތަށް މުޅި އެސަރަހައްދުގައި ފުލުހުންގެ ފައުޖުތައް އިތުރުކޮށް ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށެވެ.