ޔަމަނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އެޑަންގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ވަންނަ ދޮރާށި ކައިރީގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން 12 މީހުން މަރުވެއްޖެއެވެ.

މިހާތަނަށް ހޯދުނު ހޯދުންތަކުންވެސް ބޮން ގޮވަން މެދުވެރިވި ސަބަބު ދެނެގަނެވިފައެއް ނުވެއެވެ.

އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވީ ހޮނިހިރު ދުވަހު އެއާޕޯޓަށް ބޭރު ގޭޓެއްގައި ކުޑަ ޓްރަކެއް ގޮއްވާލާފައިވާ ކަމަށެވެ. އަދި ސަލާމަތީ މަސްދަރުތަކުން ބުނާ ގޮތުގައި އެ ވެހިކަލަކީ ތެލުގެ ބާވަތްތައް ހިފައިގެން ދިޔަ ވެހިކަލެކެވެ. މި ގޮވުމަކީ ބާރުގަދަ ގޮވުމެކެވެ. ރިޕޯޓުތައް ބުނާގޮތުން ގޮވުމުގެ އަޑު މުޅި ސިޓީއަށް އިވުނެވެ. ކައިރީގައި ތިބި މީހުންގެ ގެދޮރުގައި ހަރުކުރެވިފައިހުރި ކުޑަދޮރުތަކުގެ ބިއްލޫރިތައް ވަނީ ފުނޑުފުނޑުވެފައި ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ސަލާމަތީ ބާރުތަކުގެ އިސް އޮފިޝަލަކު ވިދާޅުވީ، ‎އެއާޕޯޓާ ކައިރި ހިސާބެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 12 އާންމުން މަރުވެފައިވާ ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުން ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިހުރި ކަމަށެވެ.

ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އދއިން އިސްނަގައިގެން ކުރަމުންދާ ސުލްހައިގެ މަސައްކަތްތަކަށް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މި ހަނގުރާމަތަކުގެ ތެރެއިން އެތައް ހާސް ބަޔަކު މަރުވެ، އާބާދީގެ 80 އިންސައްތަ މީހުންނަށް ވަނީ އެހީތެރިކަން ބޭނުންވެފައެވެ.

ޔަމަނުގެ ހާލަތު އދ އިން ސިފަކޮށްފައިވަނީ މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު އިންސާނީ ކާރިސާގެ ގޮތުގައެވެ.