ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ 23 ނޫސްވެރިޔަކު ވަނީ އެ ގައުމުގެ ހަރުކަށި ސައިބަރ ކްރައިމް ގާނޫނުގެ ދަށުން ތުހުމަތުތަކެއް ކޮށްފައެވެ. މީޑިއާ ރައިޓްސް ވޮޗްޑޯގް އިން ބުނެފައި ވަނީ "ޗިލިން ޕެޓާން" އެއް އުފައްދާ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްބުނެ ބިރުދައްކައިގެން ހިޔާލުތަފާތުވުންތައް ނައްތާލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށްވާ ފްރީޑަމް ނެޓްވޯކުން މި ރިޕޯޓް ނެރެފައިވަނީ، ނޫސްވެރިންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅުވައިގެންނެވެ.

ޕާކިސްތާނުގެ ނޫސްވެރިންގެ މައްޗަށް ކޮށްފައިވަނީ އެގައުމުގެ ސިފައިންގެ އަގު ވައްޓާލަން މަސައްކަތް ކުރުމާއި ޖުޑިޝަރީ އަދި އިންޓެލިޖެންސް އެޖެންސީތަކުގެ އަގުވައްޓާލަން މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތެވެ. އަދި އެއް މައްސަލައިގައި ނޫސްވެރިޔަކު ގައުމަށް ގައްދާރުވީ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

އެ ތަހުގީގުތަކާ ގުޅިގެން މަދުވެގެން ނުވަ ނޫސްވެރިޔަކު ހައްޔަރުކޮށްފައިވާ އިރު، ހަ ނޫސްވެރިޔަކު ވަނީ ތަހުގީގުގައި 60 ދުވަސް ޖަލުގައި ހޭދަކުރުމަށް ފަހު ކަފާލާތުގެ ދަށުން މިނިވަންކޮށްފައެވެ.

ނަމަވެސް، ބައެއް މައުޟޫއުތައް ކަވަރު ނުކުރުމަށް ނޫސްވެރިންނަށް ކަމާބެހޭ ފަރާތްތަކުން އިތުރު ހަރުކަށި ކަންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. ނޫސްވެރިންނާ، އިންސާނީ ހައްގުތައް ހޯދަން ވަކާލާތުކުރާ ފަރާތްތަކުން މިކަމުގެ އިންޒާރު ދީފައިވާއިރު، ވެރިކަން ހިންގުމާއި ސިޔާސީ މައިދާނުގައި އަސްކަރިއްޔާއިން އަދާކުރާ ދައުރު އިތުރުވަމުން ދިއުން ފަދަ މައުޟޫތައް ފާހަގަ ކޮށްފައިވެއެވެ.

ޕާކިސްތާން ސަރުކާރުގެ ނުރަސްމީ ގަވާއިދުތަކަށް ތަބާނުވާ ނޫސްތަކާއި ޓީވީ ޗެނަލްތަކުން އެމީހުންގެ ސިގްނަލްތައް ކުއްލި ގޮތަކަށް ސެންސަރުކޮށް، ނޫސްމަޖައްލާތައް ކުރިޔަށްގެންދިޔަ ނުދިނުމަށް ދަތިކުރުމުގެ ފިޔަވަޅުތައް ސަރުކާރުން ދަނީ އަޅަމުންނެވެ. މީގެ އިތުރުން އަސްކަރިއްޔާއަށް ފާޑުކިޔާ ކަމަށް ބުނެ ވާހަކަތައް ފައިލްކުރުމަށްފަހު ބައެއް ނޫސްވެރިން ވަގަށް ނަގާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.