ސައުދީ އަރަބިއްޔާ އަށް 650 މިލިއަން ޑޮލަރުގެ މިސައިލް ވިއްކުމަށް އެމެރިކާއިން ރުހުން ދީފައިވާކަމަށް ޕެންޓަގަންއިން ހާމަކޮށްފިއެވެ.

މިއީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ރައީސް ކަމާހަވާލުވެ ވަޑައިގެންނެވުމަށްފަހު ސައުދީ އަށް އެންމެ ގިނަ އަދަދެއްގެ ހަތިޔާރު ވިއްކައި ފަހަރެވެ.

ބުރާސްފަތި ދުވަހު އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގިނަ އަދަދެއްގެ ހަތިޔާރު ވިއްކަން ނިންމީ ސައުދީ އަރަބިއްޔާއަށް ކުރިމަތިވަމުންދާ ނުރައްކާތަކުންނާއި މުސްތަގްބަލުގައި ކުރިމަތިވެދާނެ ނުރައްކަލުން އެ ގައުމު ސަލާމަތްކުރުމަށް ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ސައުދީ އާއެކު އޮންނަ ހާރިޖީ ގުޅުންތައް ބަދަހިވެގެން ދާނެކަމަށް އުންމީދުކުރައްވާ ކަމަށް ޕެންޓަގަންއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ސައުދީއަށް ހަތިޔާރު ވިއްކަން އެމެރިކާއިން ނިންމާފައިވަނީ ޔަމަނުގައި ސައޫދީ އަރަބިއްޔާއިން ހިންގާ "އޮފެންސިވް އޮޕަރޭޝަންސް" ތަކަށް އެމެރިކާއިން ކުރާ ތާއީދު ނިމުމަކަށް ގެންނާނެ ކަމަށް ރައީސް ޖޯ ބައިޑަން ވިދާޅުވިތާ މަސްތަކެއް ފަހުންނެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ ބިއުރޯ އޮފް ޕޮލިޓިކަލް-މިލިޓަރީ އެފެއާޒްއިން ބުރާސްފަތި ދުވަހު ކުރި ޓްވީޓްތަކެއްގައި ފާހަގަކޮށްފައިވާ ގޮތުގައި މިސައިލްތަކަކީ ގްރައުންޑް ޓާގެޓްތައް އެންގޭޖް ކުރުމަށް ބޭނުން ކުރާ މިސައިލްތަކެއް ނޫންނެވެ. މީގެ އިތުރުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ސައުދީ އާ ދެކޮޅަށް ބޯޑަރު ހުރަސްކޮށް ދޭ ހަމަލާތައް އިތުރުވެފައިވާކަން ފާހަގަ ކޮށްފައިވެއެވެ.

މިސައިލް ވިއްކުމުގެ އެއްބަސްވުން އެކުލަވާލައިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެމެރިކާއިން ސައުދީއަށް 500 މިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު މެއިންޓެނަންސް ޑީލެއް ހެދުމަށް ރުހުން ދީފައިވަނިކޮށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    ސައުދީ އަކީ އަމިއްލަ އަށް ހަތިޔާރު ހަދާ އެމެރިކާ އަށް ވިއްކޭ ވަރަށް ފައިސާ ހުރި ބައެކެވެ.

  2. ބަދަވީން

    ފައިސާ ހުއްޓަސް އަމިއްލައަށް ހަތިޔާރު ހަދާނީ ކިހިނެތް. އަރަބީންނަކީ ނުކިޔަވާ ޖާހިލު މަރުމޯލުން. އެކަމަކު ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯލް ކްލަބެއް ނުވަތަ ރިސޯޓެއް ނުވަތަ ނައިޓް ކްލަބެއް ގަނެލުމަކީ އެމީހުންނަށް އެއްވެސް ކަމެއްނޫން . ތިއަރަބީން ޔޫރަޕް ގެ ކްލަބްތައް ގަނެ ވަކި ސުމާރެއްނެތި ޓީމަށް ޚަރަދު ކުރުން ބޮޑުވެގެން އެހެން ކްލަބްތައް އިނދަޖެހޭތީ މިހާރު ކްލަބަކަށް އަހަރަކު ކުޅުންތެރިން ގަންނަން ޚަރަދުކުރަންޖެހޭ އަދަދު ލިމިޓް ކުރީ. މިކަން ނުކުރިނަމަ އަންނަ ޖެނުއަރީ މަހު ޓްރާންސްފާ ހުޅުވާލުމުން ނިއުކާސަލް އަށް ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ކުޅުންތެރިން ގަނެލުމަކީ ސައުދީ ވަލީއަހުދު އެމްބީއެސް އަށް ވަރަށް ފަސޭހަކަމަކަށްވާނެ.