އިރާޤުގެ ބޮޑުވަޒީރު މުސްތަފާ އަލް-ކަދީމީ އަވަހާރަކޮށްލަން މިއަދު ދިން ހަމަލާއަކުން އޭނާ ސަލާމަތްވެއްޖެއެވެ.

މުސްތަފާ އަވަހާރަކޮށްލަން ހަމަލާ ދިނީ އޭނާ ދިރިއުޅުއްވާ ރަސްމީ ގެކޮޅުގައި ހުންނަވަނިކޮށެވެ. މުސްތަފާ އަވަހާރަކޮށްލަން މަސައްކަތް ކުރީ ގިނަ އަދަދެއްގެ ގޮވާތަކެތި ހަރުކޮށްފައި އޮތް ޑްރޯނެއް މުސްތަފާ ހުންނެވި ތަނަށް ވައްޓާލައިގެންނެވެ.

މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އާއި އޭނާގެ އަރިހުގައި ތިބި މީހުން ހާލު ރަނގަޅު ކަމަށެވެ.

އިރާޤުގެ އަސްކަރިއްޔާ އިން ބުނީ މިހަމަލާ އިން މުސްތަފާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. "ސަލާމަތީ ބާރުތަކުން މިހާރު ގެންދަނީ ދެން އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން." އަސްކަރިއްޔާ އިން ބުންޏެވެ.

މުސްތަފާ އަށް އަމާޒުކޮށް ޑްރޯން ހަމަލާ ދިނީ އޭނާ ދިރިއުޅުއްވާ ގެކޮޅަށް ވެންނެވިތަނުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މުސްތަފާ އަށް ގެއްލުމެއް ނުލިބުނު ނަމަވެސް މިހަމަލާގައި ގެކޮޅުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ބައެއް ސިފައިންނަށް ކުދިކުދި އަނިޔާތައް ލިބިފައި ވެއެވެ.

އިރާޤުގެ ބޮޑުވަޒީރު ދިރިއުޅުއްވާ ގެކޮޅު ހުންނަނީ ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައި އޮންނަ ގްރީންޒޯން ގައެވެ. އެސަރަހައްދުގައި އެކި ގައުމުތަކުގެ އެމްބަސީތައް ވެސް ހުރެއެވެ.

މުސްތަފާ އަވަހާރަކޮށްލަން ހަމަލާ ދިނީ ކޮންބައެއްކަމެއް އަދި ސާފެއް ނުވެއެވެ. މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

ބަޣުދާދުގެ ގްރީން ޒޯން ކައިރީގައި ހުކުރު ދުވަހު ވެސް އިރާޤުގެ ސިފައިންނާއި ހަނގުރާމަވެރިންނައި ބަދަލުކުރި ހަމަލާތަކެއްގައި އެކަކު މަރުވެ ގިނަ ބަޔަކު ޒަހަމްވެފައި ވެއެވެ.

މިދިޔަ މަހު އޮތް އިރާޤުގެ އާއްމު އިންތިހާބަށް ފަހު އިރާޤުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އިންތިހާބާއި ގުޅިގެން އިރާޤުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާތައް ވެސް ކުރިއަށް އެބަގެންދެއެވެ.