ސޫދާނުގެ އަސްކަރީ ވެރިކަމާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި ސޫދާނުގެ ސަލާމަތީ ބާރުތަކުން ކަރުނަ ގޭސް ޖަހައިފިއެވެ.

އާދީއްތަ ދުވަހު ވެރިރަށް ޚަރްތޫމްގައި އެޑިޔުކޭޝަން މިނިސްޓްރީގެ ބޭރުގައި ބޭއްވި އެއްވުމެއްގައި އެތައް ޓީޗަރުންނެއް ވަނީ އަސްކަރީ ވެރިކަމާއި ދެކޮޅަށް އަޑު އުފުލައި ބޭނުންވަނީ ފުރިހަމަ މަދަނީ ވެރިކަމެއްކަމަށް ބުނެފައިވެއެވެ.

ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރުހާން އިސްކޮށް ހުންނަވައިގެން ސޫދާންގެ އަސްކަރިއްޔާއިން މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ވަނީ ވެރިކަން އަތުލައި، އިންތިގާލީ ސަރުކާރު އުވާލައިފައިވެއެވެ. އަދި ސަރުކާރުގެ އެތައް އޮފިޝަލުންނާއި ސިޔާސީ އެތައް ބަޔަކު ހައްޔަރުކޮށްފައި ވެއެވެ.

އޭގެ ފަހުން ބައިނަލްއަގްވާމީ މުޖުތަމައުން ވަނީ މި ކަމުން އަރައިގަނެވޭނެ މަގެއް ހޯދުމަށް މީޑިއޭޝަންގެ މަސައްކަތް ކުރަން ފަށާފައެވެ. މިކަމުގެ ސަބަބުން އެފްރިކާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ނުތަނަވަސްކަން އިތުރުވެގެންދާނެ ކަމުގެ ބިރު ހީވެފައިވެއެވެ.

އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ގެނައި ބަޣާވާތަށްފަހު ޑިމޮކްރަސީއަށް ތާއީދުކުރާ މީހުން އަންނީ މުޒާހަރާ ކުރަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 14 މީހުން މަރުވެ، 300 އެއްހާ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

"ތައުލީމާ ބެހޭ ވުޒާރާގެ ބޭރުގައި އަލް ބުރްހާން އިން ނިންމި ނިންމުންތަކާ ދެކޮޅަށް އަހަރެމެން ވަނީ ހިމޭން ކަމުގެ ސުކޫތެއް ނަގާފައި،" ޖިއޮގްރަފީ ޓީޗަރެއް ކަމަށްވާ މުހައްމަދު އަލް އަމިން އޭއެފްޕީ ނޫސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

"ފަހުން ފުލުހުން އައިސް އަޅުގަނޑުމެންނާ ދިމާއަށް ކަރުނަ ގޭސް ޖެހީ. އޭރު އަހަރެމެން ހަމައެކަނި މަގުމަތީގައި ބެނާތައް ހިފައިގެން ތިބީ" އޭނާ ބުނެފައިވެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ. ނަމަވެސް، ގިނަ އަދަދެއްގެ ޓީޗަރުން ބަންދު ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.