ގުދުސްގައި ފަލަސްތީން މީހުންނަށް އެމެރިކާ އިން ކޮންސިއުލޭޓެއް އަޅައިގެން ނުވާނެ ކަމަށް އިސްރާއީލުން ބުނާ ބުނުން އަނެއްކާވެސް ތަކުރާރުކޮށްފިއެވެ.

ގުދުސްގެ ބޮޑު ސަރަހައްދެއް އިސްރާއީލުން ވަނީ ހިފާފައެވެ. މުޅި ގުދުސް އަކީ ވެސް އިސްރާއީލްގެ ބިމެއް ކަމަށް އިސްރާއީލުން ދައުވާ ކުރެއެވެ. ނަމަވެސް ފަލަސްތީނުން ގަބޫލު ކުރާ ގޮތުގައި ފަލަސްތީންގެ ހަގީގީ ވެރިރަށަކީ ގުދުސް އެވެ.

ފަލަސްތީން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ބުނެ އެމެރިކާ އިން އަނެއްކާވެސް ގުދުސްގައި ފަލަސްތީންގެ ކޮންސިއުލޭޓް ހުޅުވަން ނިންމުމުން މިދިޔަ އޮކްޓޯބަރ މަހު އިސްރާއީލުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

މިއަދު އިސްރާއީލްގެ ހަރުކަށި ބޮޑުވަޒީރު ނަފްތާލީ ބެނެޓް އަނެއްކާވެސް ވަނީ އެމެރިކާގެ ކޮންސިއުލޭޓެއް ގުދުސްގައި ހުޅުވުމާއި ދެކޮޅުކަން ހާމަކޮށްފައެވެ. "ގުދުސްގައި ފަލަސްތީން މީހުންނަށް ހާއްސަކޮށްގެން އެއްވެސް ގައުމަކަށް ކޮންސިއުލޭޓެއް ހުޅުވުމުގެ ފުރުސަތެއް ނުދޭނަން. އެހުއްދައެއް އިސްރާއީލް ސަރުކާރުން ނުދޭނަން." ބެނެތު ބުންޏެވެ.

ބެނެތު ބުނީ ގުދުސް އަކީ އިސްރާއީލްގެ ވެރިރަށް ކަމަށާއި އެހެންކަމުން ގުދުސްގައި އެއްވެސް ކަމެއް ކުރުމުގެ ހައްގު ފަލަސްތީން މީހުންނަށް ނޯންނާނެ ކަމަށެވެ.

އިސްރާއީލުން ބުނާ ގޮތުގައި ގުދުސްގައި ފަލަސްތީން މީހުންނަށް ހާއްސަ ކޮންސިއުލޭޓެއް އަޅަން އެމެރިކާ އަށް ހުއްދަ ނުދޭން އިސްރާއީލުން ނިންމި ނަމަވެސް އެމެރިކާ އާއި އިސްރާއީލްގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. ރާމަﷲ ގައި އެމެރިކާ އިން ބޭނުންނަމަ އެމެރިކާގެ ކޮންސިއުލޭޓެއް ހުޅުވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އިން ވަނީ އިސްރާއީލްގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގެންފައެވެ. ތެލްއަވީވްގައި ހުރި އެމެރިކާގެ އެމްބަސީ ވެސް ޓްރަމްޕް ވަނީ ގުދުސް އަށް ބަދަލުކޮށްފައެވެ.