މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމު ކަމަށްވާ އިންޑޮނޭޝިއާގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ކަމަށްވާ އިންޑޮނޭޝިއަން އުލެމާ ކައުންސިލް (އެމްޔޫއައި) އިން ކްރިޕްޓޯ ކަރަންސީ އަކީ މުސްލިމުންނަށް ހުއްދަ އެއްޗެއް ނޫން އެއްޗެއް ކަމަށް ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު އެމްޔޫއައި އިން ނިންމި ނިންމުމުގައި ބުނެފައި ވަނީ ޑިޖިޓަލް އުފެއްދުމެއް ގަންނަން ފިޔަވައި އެހެން ކަމެއް ކުރަން ކްރިޕްޓޯކަރަންސީ ބޭނުން ކުރުން އެއީ އިސްލާމީ އުސޫލްތަކާއި ހިލާފު ކަމެއް ކަމަށެވެ.

މިނިންމުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި އިންޑޮނޭޝިއާގައި މުދާ ގަނެ ވިއްކުމުގައި ޑިޖިޓަލް ކަރަންސީތައް ބޭނުން ކުރުން މަނާ ވުން އެކަށީގެންވެއެވެ. ނަމަވެސް ކޮމޯޑިޓީސް އާއި ހިއްސާގެ ބާޒާރުތަކުގައި އިންވެސްޓް ކުރަން ޑިޖިޓަލް ފައިސާ ނުވަތަ ކްރިޕްޓޯ ކަރަންސީ ބޭނުން ކުރުމަށް ހުރަހެއް ނޯންނާނެއެވެ.

އިންޑޮނޭޝިއާގެ ފަތުވާ މަޖިލީހުގެ ނިންމުންތައް ނިންމާ ހިސާބުން އެއީ އަދި ގާނޫނީ ގޮތުން އަމަލު ކުރުން މަޖުބޫރު ނިންމުމަކަށް ނުވެއެވެ. ނަމަވެސް އިންޑޮނޭޝިއާ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ފަތުވާ މަޖިލީހުގެ ނިންމުންތަކަށް ވަރަށް ބޮޑަށް ބަރޯސާ ވެއެވެ. އެހެންކަމުން ކްރިޕްޓޯ ކަރަންސީ އާއި ބެހޭ ގޮތުން ފަތުވާ މަޖިލީހުން ނިންމި ނިންމުމާއި އެއްގޮތައް ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރާނެ ކަމަށް ބެލެވޭ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިއަހަރުގެ މެއި މަހާއި ހަމައަށް އިންޑޮނޭޝިއާގައި ވަނީ 25.96 ބިލިއަން ޑޮލަރުގެ ކްރިޕްޓޯކަރަންސީ މުއާމަލާތްތައް ހިންގާފައެވެ. ކްރިޕްޓޯ ކަރަންސީ ބޭނުން ކުރާ އެގައުމުގެ މީހުންގެ އަދަދު އަހަރު ދުވަސް ތެރޭގައި ހަތަރު މިލިއަނުން 6.5 މިލިއަނަށް ވަނީ އަރާފައެވެ.

ފަތުވާ މަޖިލީހުގެ އިސްވެރިޔާ އަސްރޯރަމް ނިއާމް ސޯލަހް ވިދާޅުވީ ކްރިޕްޓޯ ކަރަންސީ އިސްލާމްދީނުގެ އުސޫލުތަކާއި ހިލާފު ކަމަށް ނިންމަން ޖެހުނީ އެފަދަ ފައިސާގެ މުއާމަލާތްތަކުގެ ސަބަބުން މީހުންނަށް ބޮޑެތި ގެއްލުންތައް ވަމުންދާތީ ކަމަށެވެ.

ފަތުވާ މަޖިލީހުގެ ނިންމުމާއި ގުޅޭ ގޮތުން އިންޑޮނޭޝިއާ ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ގައުމުތައް ހަލާކުވެ ދަނީ ފައިސާގެ އަޅުވެތި ކަމުގެ ތެރެއިން. އެމެރިކާއިން އެމީހުން އަމިއްލައަށް ޕްރިންޓްކުރާ ކަރުދާހުގެ އަގެއް ނުވެއްޓޭ. އެކަމަކު ދުނިޔޭގެ އެހެން ގައުމުތަކުގެ ފައިސާގެ ގޮތުގައި ބޭނުންކުރާ ކަރުދާހުގެ އަގުވެއްޓޭ. މިއީ އަޖައިބެއްނު.
    ދެން އަނެއްކާ ލޮލައް ނުފެންނަ އަތްނުލެވޭ ހިޔާލީ އެއްޗެއް މިވަނީ ފައިސާގެ ގޮތުގައިބަލައިގަތުމަށް ތައްޔާރުވެފައި.
    މިއީ އައިއެމްއެފްގެ އަޅުވެތިކުރުން.
    އިސްލާމްދީނުގައި ފައިސާއަކީ، އޭގެ އަގު ނުވެއްޓޭ އެއްޗެހި. ރަން، ރިހި، ފަދަ މައުދަނާއި، ގިނަ ދުވަހަށް ބެހެއްޓޭ ކާތަކެއްޗަކީ އިސްލާމްދީނުގައި ގަނެވިއްކުމަށް ހުއްދަ އެއްޗެއްސަކީ. މިތަކެތި ބޭނުންކުރާނަމަ ފަރަންޖީންގެ އަތްދަށުވެ އަޅުވެތިވެގެންނުދާނެ. ﷲ ތައާލާއަށްވުރެ މަތީ ފަރާތަކަށް ޔޫ.އެން. ހެދުމުން އެއީ މުސްލިމަކަށް ނުވާނެ.

    19
    3