ސްރީލަންކާގެ ހަމައެކަނި ތެޔޮ ސާފުކުރާ ކާރުހާނާ ވަގުތީގޮތުން ބަންދު ކޮށްފިއެވެ.

މި ކާރުހާނާ ބަންދު ކޮށްފައިވަނީ ސްރީލަންކާގައި މިހާރު ހިނގަމުންދާ ފޮރިން އެކްސްޗޭންޖްގެ ދަތިކަމުގެ ސަބަބުން ސާފުނުކުރާ ތެޔޮ ސަޕްލައި ކުރާނެ ޑޮލަރު ނުލިބޭތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ދެ އަހަރު ކުރިން ގޮތަބަޔަ ރާޖަޕަކްސަ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އިރު ބޭރު ފައިސާގެ ރިޒާވްގައި 7.5 ބިލިއަން ޑޮލަރު ހުރި ނަމަވެސް، މިދިޔަ އޮކްޓޯބަރު މަސް ނިމުނު އިރު އެ އަދަދު ވަނީ 2.3 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ.

ލަންކާގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެގައުމުގެ އެނާޖީ މިނިސްޓަރު އުދަޔާ ގަމަންޕިލާ ވިދާޅުވީ، "ސަޕުގަސަންދަ ރިފައިނަރީ މިއަދުން ފެށިގެން 50 ދުވަހަށް ބަންދުވާނެ،" ކަމަށެވެ. އަދި މި ކާރުހާނާ ބަންދުކުރުމުގެ ސަބަބުން ގައުމުގައި ތެލުގެ ދަތިކަން ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މީގެ އިތުރުން ގަމަންޕިލާ ވިދާޅުވީ ފޮރެންސިކް އެކްސްޗޭންޖް ކާރިސާއާއި ގުޅިގެން 50 ދުވަހުގެ މުއްދަތަކަށް ތެކޮ ސާފުކުރާ ކާރުހާނާ ބަންދުކޮށްފައިވީ ނަމަވެސް، ޑޮލަރުގެ ދަތިކަމުން އަރައިގަނެވުމުން، ކާރުހާނާގެ އޮޕަރޭޝަންތައް އަލުން ފެށޭނެ ކަމަށެވެ. އަދި އަލުން ސާފުނުކުރާ ތެޔޮ އިމްޕޯޓް ކުރުން ފެށިގެންދާނެކަން ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ތެލުގެ ޑިމާންޑް ފޫބެއްދުމަށް ސާފުނުކުރާ ތެލުގެ ބަދަލުގައި ސަރުކާރުން އިމްޕޯޓު ކުރަމުން ގެންދާނީ ސާފު ކޮށްފައިވާ ޕެޓްރޯލިއަމްގެ ބާވަތްތައް ކަމަށެވެ. އޭގެ ސަބަބުން ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވި ނަމަވެސް، ސަލާމަތް ކުރެވެނީ ކިހާ ފައިސާއެއްކަން ހާމަ ކޮށްފައެއް ނުވެއެވެ.

ލަންކާގެ ހަމައެކަނި ތެޔޮ ސާފުކުރާ ކާރުހާނާ، ސަޕުގަސްކަނޑަ އަކީ އިރާނުން 1969 ގައި އަޅައިދިން ތަނެކެވެ. ގަމަންޕިލާ ވިދާޅުވީ މިއީ އެ ތަން ހުޅުވި ފަހުން އޮޕަރޭޝަންތައް ހުއްޓާލަން ޖެހުނު ފުރަތަމަ ފަހަރު ކަމަށެވެ.