ދުނިޔޭގެ އެންމެ ބޮޑު ދެ އިޤުތިޞާދު ކަމުގައިވާ އެމެރިކާ އާއި ޗައިނާގެ މެދުގައި އިގުތިސާދީ ހަނގުރާމައެއް ފެށިއްޖެއެވެ. މި ހަނގުރާމަ ފެށިފައިވަނީ، އެމެރިކާ އިން ޗައިނާގެ އިމްޕޯޓުތަކަށް ޑިއުޓީ ނަގަން ފެށުމުން، ބަދަލުގައި ޗައިނާއިންވެސް އެމެރިކާގެ އިމްޕޯޓުތަކަށް ޓެރިފް އެއް ކަނޑައެޅުމުންނެވެ.

ބައިނަލްއަގުވާމީ ރިޕޯޓުތައް ބުނާގޮތުގައި، އެމެރިކާ ކުންފުނިތަކުން، ޗައިނާއިން އެޤައުމަށް އިމްޕޯޓުކުރާ 34 ބިލިޔަން ޑޮލަރުގެ އަގުހުރި މުދަލުން އިމްޕޯޓު ޑިއުޓީއެއް ނެގުމަށްވަނީ ނިންމާފައެވެ. ހަމައެހެންމެ، އޭގެ ވަގުތުކޮޅެއް ފަހުން، ރައްދުގައި ޗައިނާއިން ވަނީ ފިޔަވަޅު އަޅާފައެވެ. އަދި، އެކަން ކޮށްފައިވާކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު، ނޫސްވެރިންނަށް ކަށަވަރުކޮށްދެއްވާފައިވެސްވެއެވެ.

ބަލްގޭރިޔާގެ ވެރި ރަށް ސޯފިޔާގައި ހުންނަވައިގެން ޗައިނާގެ ފޮރިން މިނިސްޓަރު، ލީ ކޭކިއަންގ ވިދާޅުވެފައިވަނީ މިފަދަ އިގުތިސާދީ ދެބަސްވުމެއްގައި އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެކަމަށެވެ. ހަމައެހެންމެ، އެމެރިކާ އިން މި ފިޔަވަޅު އަޅަން އިއުލާން ކުރި ހިސާބުން، ޗައިނާއިންވެސް ވަނީ ރައްދު ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ. މީގެއިތުރުންވެސް، އެޤައުމުގެ ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނީ އެމެރިކާ އިން ވަނީ ބައިނަލްއަގުވާމީ ވިޔަފާރީގެ އުސޫލުތަކާ ހިލާފުވެފައިކަމަށާއި ދުނިޔޭގެ އެންމެ ބޮޑު އިގުތިސާދީ ހަނގުރާމައެއް ފެށި ގައުމަކީ އެމެރިކާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޗައިނާ އަށް އެމެރިކާ އިން އިމްޕޯޓުކުރާ މުދަލުގެ ޓެރިފް 25 އިންސައްތަ ބޮޑުކޮށްފައެވެ. ޓެރިފް ބޮޑުކޮށްފައިވާ މުދަލުގެ ތެރޭގައި ކަރަންޓުން ދުއްވާ ކާރާއި، އިއްސާއި ސޯއީ ބީންސް ހިމެނެއެވެ.

މިކަމާ ގުޅިގެން ޗައިނާގެ ނޫސް އެޖެންސީ އެއްކަމަށްވާ "ޒިންހުއާ" އިން، އެމެރިކާ ސިފަކޮށްފައިވަނީ އިގުތިސާދީ ގޮތުން ގަނާ (ބުލީ) ކުރާ ފަރާތެއްގެ ގޮތުގައެވެ.

އެމެރިކާ އާ ދެކޮޅަށް ޗައިނާ އިން ރައްދުގައި ވަރުގަދަ ފިޔަވަޅެއް އަޅާފައިވާއިރު، ރަޝިޔާ އިންވެސް ވަނީ ޗައިނާއާ އެއްބައިވެ، އެމެރިކާ އާ ދެކޮޅަށް ވަރުގަދަ ފިޔަވަޅެއް އަޅާފައެވެ. އެގޮތުން، ރަޝިޔާ އަށް އެމެރިކާއިން އެކްސްޕޯޓް ކުރާ މުދަލުން، 25 އިންސައްތަ އާއި 40 އިންސައްތައާ ދެމެދުގެ އަދަދަކަށް އިމްޕޯޓް ޑިއުޓީ ނެގުމަށް ނިންމާފައިވާކަމަށް އިއްޔެ، އެޤައުމުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ރަޝިޔާގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ އެފިޔަވަޅަކީ، އެމެރިކާގެ ޓެރިފް ތަކާ ގުޅިގެން ރަޝިޔާގެ ކުންފުނިތަކަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ކޮށްފައިވާ ކަމެއް ކަމުގައެވެ.

އިމްޕޯޓު ޑިއުޓީ އާއި ޓެރިފް ނަގާކަމުގައިވާނަމަ، އެ މުދާތަކުގެ އަގު ބޮޑުވާނެއެވެ. މިކަމުގެ ސަބަބުން، ގިނަ ކަސްޓަމަރުން އެތަކެތި ގަތުމުގެ ބަދަލުގައި، ބާޒާރުން ލިބެން ހުންނަ އެފަދަ އެހެން ތަކެތި ގަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެއްހެއްހެއް. މުސްކުޅިބެ ހީކުރަނީ ދެން އެވަރު ބަޔަކު ނެތްކަމަށް. އަދި ޔޫރަޕްގެ ގައުމުތަކުން ވެސް ފިޔަވަޅު އަޅާނެ އެހެންކަމުން އިގްތިޞާދީ ގޮތުން އެމެރިކާ އެކަނިވެރިވެ އެކަހެރިވެގެންދާނެ.

  2. މިފަހަރު އެމެރިކާގެ ސޯޓް ބޭލިގެން ބެއްޔާފައިބާނީ.