ސީރިއާގެ ވެރިރަށް ޑަމަސްކަސް އާއި ކައިރި ސަރަހައްދެއްގައި ހުރި އިމާރާާތްތަކަކަށް އަމާޒުކޮށް އިސްރާއިލުން މިސައިލް ހަމަލާތަކެއް ދީފިއެވެ.

ސީރިއާގެ ދައުލަތުގެ މީޑިއާ، ސާނާއިން ބުނެފައިވަނީ، އިސްރާއީލުން ހަމަލާދީފައިވަނީ އެގައުމުގެ ދެކުނުގައި ހުރި ފަޅު ދެގެއަކަށް ކަމަށެވެ. އަދި މި ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެ މީޑިއާއިން ބުނީ މިސައިލްތައް އައިސްފައިވަނީ އިސްރާއީލުން ހިފާފައިވާ ގޯލާން ހައިޓްސްއިން މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަދި އިސްރާއިލުން ފޮނުވާލި މިސައިލްތައް އަމާޒުވީ ވެރިރަށް ދިމިޝްގުގެ ދެކުނުގައި ހުންނަ އިމާރާތަށް ކަމަށް ބުނެފައިވެއެވެެ. ރިޕޯޓުތައް ބުނާގޮތުން އިސްރާއިލުން ފޮނުވާލި މިސައިލްތަކުގެ ތެރެއިން އެއް މިސައިލަށް ސީރިއާގެ ދިފާއީ ނިޒާމުތަކުން ވަނީ ހުރަސްއަޅާފައެވެ.

ސާނާއިން ރިޕޯޓު ކޮށްފައިވާ ގޮތުން މިދިޔަ ހޯމަ ދުވަހުވެސް އިސްރާއިލުން ވަނީ ސީރިއާއަށް އަމާޒުކޮށް ހަަމަލާތަކެއްދޭން މަސައްކަތް ކޮށްފައެވެ. އެ މިސައިލް ހަމަލާތައް ސީރިއާގެ ދިފާއީ ނިޒާމުން ވައްޓާލައިފައިވާ ކަމަށް ސާނާއިން ރިޕޯޓު ކޮށްފައިވެެއެވެ.

ފާއިތުވި އަހަރުތަކުގައި ސީރިއާގެ އިމާރާތްތަކާއި، ސަރުކާރުގެ އިދާރާތައް ހިމެނޭހެން މުހިންމު އޮފިސްތަކަށް އަމާޒުކޮށް އެތައް ސަތޭކަ ހަމަލާއެއް ދީފައިވާ އިސްރާއިލުން މި ހަމަލާއާއި ގުޅިގެން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި މަހު ކުރީކޮޅު އިސްރާއިލުން ވަނީ އިރުމަތީ އަވަށެއް ކަމަށްވާ ހޮމްސް އާއި އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޓާޓޫސްގެ ކައިރިއަށް ވައިގެ މަގުން ހަމަލާއެއް ދީފައެވެ. އަދި މި ހަމަލާގެ ސަބަބުން ސީރިއާގެ ދެ ސިފައިން މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އިސްރާއިލުން ސީރިއާއަށް ދެމުންގެންދާ ހަމަލާތައް އަނެއްކާވެސް ވަނީ އިތުރުވެފައެވެ.