އަފްޣާނިސްތާނުގައި ގިނަ އަދަދެއްގެ އަންހެނުންތަކެއް ވިއްކި މީހަކު ތާލިބާނުން ހައްޔަރު ކޮށްފިއެވެ.

ތާލިބާނުގެ އޮފިޝަލުން އިއްޔެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އުތުރު އަފްޣާނިސްތާނުގައި ގިނަ އަދަދެއްގެ އަންހެނުން ވިއްކި މައްސަލައަކާއި ގުޅިގެން ޖައުޒާން ޕްރޮވިންސުން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ތާލިބާނުގެ ފުލުހުންގެ ޗީފް ދަމުއްﷲ ސިރާޖް ބުނެފައިވަނީ އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

"އަދިވެސް ތަހުގީގުތައް އަންނަނީ ކުރަމުން. އުއްމީދަކީ މި ވޭދަނައާއި ގުޅިގެން އިތުރަށް މައުލޫމާތު ލިބުން" އޭނާ ބުނެފައިވެއެވެ.

އޭނާ ބުނީ، އެފިރިހެން މީހާ އެކަން ކުރަނީ ނިކަމެތި ފަގީރު އަންހެނުންގެ ބޮލަށް ވަދެގެން އެމީހުންނަށް ފައިސާ ލިބޭނެ ކަމަށް ބުނެ އެހެން މީހުންނާއި ކައިވެނި ކޮށްދޭނެ ކަމަށް ބުނެ ކަމަށެވެ. އެގޮތަށް މިހާތަނަށް 130 އަށްވުރެ ގިނަ އަންހެނުން ވިއްކާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އޭނާ ބުނާނީ އަންހެނުން ކައިރީ މުއްސަނދި ފިރިއަކު ހޯދައި ދޭނެ ކަމަށް. އެގޮތަށް ބުނެ އެހެން ޕްރޮވިންސްއަކަށް ގެންގޮސް ވިއްކާލަނީ" އޭނާ ބުނެފައިވެއެވެ.

މިފަދަ އެކި ކަހަލަ ކުށްތަކަކީ އަފްޣާނިސްތާނުގައި އަލަށް ހިނގަމުން އަންނަ ކަންތަކެއް ނޫނެވެ. މިފަދަ ކުށްތައް އިތުރުވަމުން އަންނާތީ ގިނަ ބަޔަކު ވަނީ އެކަން ހުއްޓުވުމަށް ވެސް ސަރުކާރަށް ގޮވާލާފައެވެ.

މި ހާދިސާއާއި ގުޅިގެން ތާލިބާނުން ބުނެފައިވަނީ އެފަދަ އަމަލުތަކަކީ އެއީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށާއި އެފަދަ ކަންކަމުގައި ހަރަކާތްތެރިވާ މީހުންނަށް ހައްގު އަދަބު ދޭނެ ކަމަށެވެ.