ކެލިފޯނިޔާގެ ވަކި ހިސާބެއްގައި އާދަޔާ ހިޔާފު ހޫނު ވައިގަނޑެއް އުފެދިއްޖެ އެވެ.

މި ވައިގަނޑުގެ އަސަރު ވަނީ ކެލިފޯނިޔާގެ އެކި ހިސާބުތަކަށް ކޮށްފައި އެވެ. އެގޮތުން ރިޕޯޓްތައް ބުނާގޮތުގައި ލޮސް އެންޖެލަސްގައި މިދިޔަ ހުކުރު ދުވަހު ފިނިހޫނުމިން ހުރީ 108 ޑިގްރީގައި ކަމަށެވެ. އަދި ހޮނިހިރު ދުވަހުވެސް އެ ހޫނު މިނުގައި ހުރިއިރު ލަފާކުރެވޭ ގޮތުގައި އާދިއްތަ ދުވަހު ހޫނުމިން އިތުރުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސެން ޑިއެގޯގެ ހޫނު މިންވެސް ވަނީ އިތުރުވެފައި އެވެ. ސެން ޑިއެގޯ ގައި 112 ޑިގްރީ ހުރިއިރު ވުޑްލޭންޑް ހީލްސްގައި 115 ޑިގްރީ ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ލަފާކުރެވެނީ ދުވަހުން ދުވަހަށް ހޫނުމިން ދާނީ އިތުރުވެގެން ކަމަށެވެ.

އޭގެ އިތުރުން ހޫނުކަމުގެ ސަބަބުން ބައެއް ހިސާބުތަކުގެ ޖަންގަލީގައި އަލިފާން ރޯ ވެގެން ރިޕޯޓްކޮށްފައި ވެއެވެ. އަލިފާން ރޯވެފައި ހުރި ގިނަ ތަންތަނުގެ ފޮޓޯތައް މިހާރު މީސް މީޑިޔާގައި ދަނީ ދައުރުވަމުން ނެވެ.

ފުލުހުން ވަނީ ގެއިން ބޭރަށް ނުނިކުމެ ތިބުމަށްވެސް އެދިފައި އެވެ. އަދި ހޫނު މިނުގެ ސަބަބުން ވަރަށް ގިނަ ބަލިތަކަށް މަގުފަހިވުން އެކަށީގެންވާ ކަމަށް އޮފިސަލުން ބުނެއެވެ. އަދި ހާއްސަކޮށް ކުޑަކުދިންނަށް މި ހޫނުގެ ސަބަބުން ކުރާ އަސަރު އިތުރުވާ ކަމަށްވެސް ބުނެއެވެ.

އޮފިސަލު ބުނިގޮތުގައި މިއީ ރިކޯޑް އަދަދެއްގެ ހޫނު މިނެއް ކަމަށާއި މީގެކުރިން ޓެންޕަރޭޗާ މިހާ މަތި ނުވާ ކަމަށެވެ. އަދި ބެލެވޭ ގޮތުގައި މިއީ އެރިޒޯނާ އަދި ނިވާދާގައި އުފެދިފައިވާ ހޫނުމިނުގެ އަސަރު ކަމަށެވެ.