ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގުޅިގެން މަސައްކަތް ކުރުމަށް މިސްރާއި ގަތަރުން އެއްބަސް ވެއްޖެއެވެ.

ގަތަރުގެ ހާރިޖީ ވުޒާރާއިން އިއްޔެ ބުނީ، މިސްރާއެކު އެއްބަސް ވެފައިވަނީ ޣައްޒާއަށް ބޭނުންވާ ތެލާއި، އަސާސީ އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ކަމަށެވެ.

އިސްރާއިލުން ޣައްޒާގެ އާންމު ރައްޔިތުންނަށާއި، ގެދޮރުތަކާއި އޮފިސް އިމާރާތްތަކަށް އަމާޒުކޮށް 11 ދުވަހަށް ދެމިގެންދިޔަ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 2،000 އަށް ވުރެ ގިނަ ގެދޮރު ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތިވެ، 22،000 ޔުނިޓަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ 260 އަށް ވުރެ ގިނަ މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި 66 ކުޑަކުދިން ވެސް ހިމެނެއެވެ.

ޔަހޫދީންނާއި، ޣައްޒާގެ ހަމާސް ޖަމާއަތާއި ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތައް ހުއްޓާލުމަށް ދެފަރާތުން ވެސް ވަނީ މެއި މަހުގެ 21 ވަނަ ދުވަހު އެއްބަސްވެފައެވެ. އެގޮތުން، ހަމާސް ޖަމާއަތުން ހަމަލާބަދަލުކުރުން ހުއްޓާލައިފައިވަނީ ޣައްޒާ އަލުން އާރާސްތުކުރުމަށް ބޭނުންވާ ފައިސާއާއި ސާމާނު ފޯރުކޮށްދިނުމަށް މިސްރުން ހުށަހެޅުމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޣައްޒާގެ އޮފިޝަލުން ލަފާކުރާ ގޮތުގައި މެއި މަހު ހިނގި ހަނގުރާމައިގައި ގެއްލުން ލިބުނު ގެތަކާއި އިންފްރާސްޓްރަކްޗާ ތައް އަލުން ބިނާކުރުމަށް 479 މިލިއަން ޑޮލަރު ހޭދަވާނެއެވެ. ގަތަރާއި މިސްރުން ކޮންމެ ގައުމަކުން ވެސް ވަނީ ޣައްޒާ އަލުން އާރާސްތުކުރުމަށް 500 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެފައެވެ.

އިސްރާއިލްގެ ހަމަލާތަކުގެ ސަބަބުން ގެއްލުން ލިބިފައިވާ ޣައްޒާގައި ފެނުގެ ދަތިކަން ދިމާވެފައިވާ 800,000 މީހުން އުޅޭ ކަމަށްވެއެވެ. އަދި 58 ސުކޫލަކަށް ގެއްލުންވެ، 1،000 އަށް ވުރެ ގިނަ ގެ އަދި 285 އިމާރާތަށް ގެއްލުން ވެފައިވެއެވެ. އިސްރާއިލުން ހޮސްޕިޓަލުތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 6 ހޮސްޕިޓަލާއި 11 ހެލްތް ސެންޓަރަކަށް ގެއްލުން ވެފައިވެއެވެ.