ކެނެޑާ އަށް އެރި ތޫފާނެއްގައި މަގުތަކާއި ރޭލު ދަގަނޑުތައް ބަންދުވެ، ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ، އެއްގަމު އުޅަނދުތައް ތާށިވުމުގެ ސަބަބުން ހުޅަނގު ބްރިޓިޝް ކޮލަމްބިއާ ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.

މިދިޔަ އާދީއްތަ ދުވަހު އެރި ތޫފާނުގެ ސަބަބުން ފެންބޮޑުވެ، ކަނޑައިގެން ގޮސްފައިވާ ސަޕްލައި ލައިންތައް ހަމައަކަށް އެޅުވުމަށާއި، ހާލުގައި ޖެހިފައިވާ އެތައް ހާސް އާއްމުންނަށް އެހީވާން ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ޒަރޫރީބޭނުމަށް ނޫން ގޮތަކަށް ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ކިސަޑު ފޭބުުމުގެ ސަބަބުން ބޮޑެތި އެތައް މަގެއް ވަނީ ހަލާކުވެފައެވެ. މި ހާދިސާގެ ސަބަބުން މިހާތަނަށް އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އަދި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ބުނެއެވެ.

އެ ސަރަހައްދުގެ އޮފިޝަލުން ބުނީ މިއީ މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވި ކާރިސާއެއް ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައިވެއެވެ.

ފެޑެރަލް ޕަބްލިކް ސޭފްޓީ މިނިސްޓަރު ބިލް ބްލެއާ އިއްޔެ ވިދާޅުވީ، އިތުރު ފެންބޮޑުވުން ނުވަތަ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުން ވެސް އަސްކަރީ ފައުޖުތަކުން ރަށްވެހިންނަށް ހިމާޔަތް ދިނުމުގައި މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.